އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓައިލަންދެން ރާއްޖެއަށް އިޒްރޭލުގެ ފަތުރުވެރިން އައުން މަނާކުރަން ގޮވައިލައްވައި، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުުރުގެ ފުރަތަމަ ޖަލްސާ މިހާރު ކުރިއަށްދާއިރު، ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަން ފާހަގަކުރައްވައިފައެވެ. އެ ގޮތުން ބަލާއިރު ފަލަސްތީނު މައްސަލައިގައި ހަމައެކަނި ބަޔާނެއް ނެރުއްވައި އެކަން ކުށްވެރިކޮށްލައްވައިގެން ތިއްބެވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ. ހަމައެހެންމެ ޢަމަލީ ގޮތުން ކަންތައްތަކެއް ކުރަންޖެހޭކަން ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.
އެ ގޮތުން އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓައިލަންދެން ރާއްޖެއަށް އިޒްރޭލުގެ ފަތުރުވެރިން އައުން މަނާކުރުމަށާއި، އިޒްރޭލުގެ މުދާ ރާއްޖެ އެތެރެކުރުން ހުއްޓުވަން ޝިޔާމް ގޮވައިލެއްވިއެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތަކަށް ނަޒަރެއް ދެއްވައި ޝިޔާމް ވިދާޅުވީ ކުއްލި މައްސަލަ ހުށަހެޅުއްވުމާއި ހަމައަށް ފަލަސްތީނުގެ ކުދިންނާއި، އަންހެނުން ހިމެނޭހެން ގިނަ ބަޔަކު ޝަހީދުކޮށްލައިފައިވާ ކަމަށެވެ.

”އިޒްރޭލުން ފަލަސްޠީނާމެދު ގެންގުޅޭ އަނިޔާވެރި ހަރުކަށި ސިޔާސަތު ދޫކޮށްލައި، ފަލަސްތީނާއެކު ސުލްހަ ޤާއިމުކުރުމުގެ މަސައްކަތް ފަށަންދެން އިޒްރޭލުގައި އުފައްދާ ތަކެތި ރާއްޖޭގައި ވިއްކުން ނުވަތަ ރާއްޖެއަށް އެތެރެކުރުން މިހާރުވަނީ މަނާކުރެވިފައި.“ 2014 ވަނަ އަަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ މި ނިންމުން މި ސަރުކާރުން ދަމަހައްޓައިފައިވާއިރު ޝިޔާމް ވަނީ ރާއްޖޭގެ ނިސްބަތުން ދެން ވެސް އެޅެން ހުރި ފިޔަވަޅުތައް އަޅަން ގޮވައިލައްވައިފައެވެ.