ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަޖިލިސް މެންބަރުންނަށް މުހިންމު މެސެޖެއް ދެއްވައިފިއެވެ.
މި މަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އެ މަނިކުފާނު މިހާރު ގެންދަވަނީ ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ.
އެ ޤައުމުގައި ހުންނަވައި މަޖިލީހުގެ މެންބަރުނަށް ފޮނުއްވެވި މެސެޖު، ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުުރުގެ ފުރަތަމަ ޖަލްސާގައި މެންބަރުންނަށް އިއްވަވައިދެއްވީ މަޖިލީހުގެ އަމީންއާންމު ފާޠިމަތު ނިއުޝާއެވެ.
ރައީސް ނަޝީދުގެ މެސެޖުގައިވަނީ ރައްޔިތުންނަށާއި، މަޖިލީހުގެ މެންބަރުންނަށް ފިޠުރު ޢީދުގެ ތަހުނިޔާ ވިދާޅުވެފައެވެ.
މަޖިލީހުގެ ދެވަނަ ދައުރު ފެށިގެން އައީ އެ މަނިކުފާނުގެ ފުރާނަފުޅު ދުއްވައިލަން ހަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވައި ރައީސް ނަޝީދުގެ މެސެޖުގައި ވަނީ، މިފަދަ ބިރުވެރި ހާލަތެއްގައި ވެސް މެންބަރުން ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެބަ އޮންނެވިކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ ރައްޔިތުންނާއި، މަޖިލީހުގެ މެންބަރުންނާއި ބައްދަލުވާނެކަމުގެ އުންމީދު އޮތްކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މެސެޖުގައި ވަނީ، ޤައުމުގެ މަސްލަހަތާއި، ރައްޔިތުންގެ ރައްކާތެރިކަމާއި ލާބައަށް މަސައްކަތް ކުރައްވާނެކަމަށާއި، ރައްޔިތުންނާއި ބައްދަލުކޮށް، ރައްޔިތުން އެދޭގޮތަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އިރާދަކުރެއްވިއްޔާ އިސާހިތަކު މެންބަރުންނާއި އެއްކޮށް މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެެރިވެ ވަޑައިގަންނަވާނެ ކަމަށާއި، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ.
އަހަރެމެން ބޭނުންވަނީ ސރުކާރުގެ ހުރިހާ މަސްއޫ ލިއްޔަަކުން ކޮއިފުޅު އިސްތި އުފާދީ ރާއްޖެދޫކޮށް ދިއުން