ކައުންސިލް ތަކަށް ނައިބުން އައްޔަން ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އަމަލު ކުރާނެ ގޮތް އެޕާޓީއިން މިއަދު އާއްމު ކޮށްފިއެވެ.
ޕީޕިއެމް އިން މިކަމާއި ގުޅިގެން ބުނެފައިވަނީ، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މެޖޯރިޓީ އޮތް ކައުންސިލްތަކުން، ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުން ކަނޑައެޅުމާއި، އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލްތަކުގެ ނާއިބު ރައީސުން ކަނޑައެޅުމުގައި އަމަލުކުރަންވީ 3 ގޮތެއް ނިންމާފައި ވާކަމަށެވެ.
އެ ތިން ގޮތަކީ:
1- ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކަށް އިންތިހާބުވެފައިވާ ޕީ.ޕީ.އެމް. ގެ މެންބަރުންގެ ތެރެއިން ނާއިބުންގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ ބޭފުޅެއްނަމަ އެބޭފުޅަކަށް ޕާޓީގެ ހުރިހާ މެންބަރުން ތާއީދުކޮށް ވޯޓު ދެއްވުން.
2- ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކަށް އިންތިހާބުވެފައިވާ ޕީ.ޕީ.އެމް. ގެ މެންބަރުންގެ ތެރެއިން ނާއިބުންގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުންގެ އަދަދު އެއްބޭފުޅަކަށްވުރެ ގިނަ ނަމަ، އިންތިހާބުވެފައިވާ ޕީ.ޕީއެމް. ގެ ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއްބޭފުޅަކަށް އިއްތިފާގު ވެވޭނަމަ އެބޭފުޅަކަށް ތާއީދުކޮށް ވޯޓު ދެއްވުން.
3- ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކަށް އިންތިޚާބުވެފައިވާ ޕީ.ޕީ.އެމް. ގެ މެންބަރުންގެ ތެރެއިން ނާއިބުންގެ މަޤާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުންގެ ޢަދަދު އެއްބޭފުޅަކަށްވުރެ ގިނަ ނަމަ، އަދި އިންތިޚަބުވެފައިވާ ޕީ.ޕީއެމް. ގެ ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއްބޭފުޅަކަށް އިއްތިފާޤު ނުވެވޭނަމަ އިންތިޚާބުވެފައިވާ ޕީ.ޕީ.އެމް ގެ ކައުންސިލަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގާ އެންމެ ގިނަ ވޯޓު ލިބޭ ފަރާތަކަށް ހުރިހާ ބޭފުޅުން ތާއީދުކޮށް ވޯޓު ދެއްވުން.
މީގެ އިތުރުން އެޕާޓީއިން ބުނެފައިވަނީ، ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ނާއިބު ރައީސުން ކަނޑައެޅުމުގައި، އިސްވެ ދަންނަވާފައިވާ ގޮތުގެ މަތިން އަމަލުކޮށް އެއް ކެންޑިޑޭޓަކު ނެރި އެ ކެންޑިޑޭޓަކަށް ތާއިދުކޮށް ވޯޓު ދިނުމަށް ނިންމާ އެގޮތުގެ މަތިން ތްރީލައިން ވިޕެއް އެޅުމަށް ޕާޓީގެ ފަރާތުން އިންތިހާބުވެފައިވާ ކައުންސިލަރުންނަށް އަންގާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކަށް އިންތިހާބުވެފައިވާ މެންބަރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ، 2021 މެއި 17 ވާ ހޯމަ ދުވަހުއެވެ.