ރާއްޖޭގެ ސަލާމަތީ ބާރުތަކުން އައްޑޫ ސިޓީގައި އިއްޔެ ހިންގި ޚާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތް މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުންނާއި، ސިފައިން އިއްޔެ އައްޑޫ ސިޓީގައި ހިންގި ޚާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރީ ދީނީ ހަރުކަށި ފިކުރަކަށް ނިސްބަތްވާ ބައެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީގައި ހިންގި ޚާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތް މީހުންގެތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފައިވާ ކަމަށެވެ. އަދި ދެން ތިބި ހަތަރު މީހުންގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހައިފައިވާ ކަމަށެވެ.
މި މީހުންގެތެރެއިން ބައެއް މީހުންގެ ގެތައް ޗެކުކޮށް އިއްޔެ ބައެއް ސާމާނުތައް ފުލުހުން ގެންގޮސްފައިވެއެވެ. އޭގެތެރޭގައި ހިތަދޫން ހައްޔަރުކުރި މީހެއްގެ ގެއިން ދެ ކޮމްޕިއުޓަރާއި، ސީޕީޔޫއާއި، ހާޑް ޑިސްކް ގެންގޮސްފައިވެއެވެ.
މި ހަތް މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާއެއް ދީފައިވަނިކޮށެވެ. ރައީސް ނަޝީދަށް ހަމަލާ ދިނީ މި މަހުގެ 6 ވަނަ ދުވަހުގެރޭ ނީލޯފަރު މަގުގައި ބާރުގަދަ އައިއީޑީއެއް ގޮއްވައިލައިގެންނެވެ. އެ ހަމަލާއާއި ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ފުލުހުންނާއި, ސިފައިން އައްޑޫގައި އިއްޔެ ހިންގި އޮޕަރޭޝަނަކީ އެ ހަމަލާއާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ނަމަވެސް އެކަމާ ގުޅިގެން ރަސްމީ ބަހެއް އަދި ލިބިފައެެއް ނުވެއެވެ. ހަމައެހެންމެ އިއްޔެ ހައްޔަރުކުރި މީހުންގެ ވަނަވަރު ވެސް ފުލުހުން އަދި ޢާންމުކޮށްފައެއް ނުވެއެވެ.