ހއ އަތޮޅު ފިއްލަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި ކެނޑިޑޭޓު މަގާމުގެ ހުވާ ކުރުން ފަސްކުރުމަށް ހައިކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
ހައިކޯޓުން މިކަމާއި ގުޅިގެން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، ހއ.ފިއްލަދޫ ކައުންސިލްގެ ރައީސްގެ ވޯޓާ ގުޅިގެން، ހއ.ފިއްލަދޫ/ ފިނިވާގެ، މުހައްމަދު އިރުޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިންތިހާބީ ޝަކުވާގެ މައްސަލަ ނިމުމުގެ ކުރިން ހއ.ފިއްލަދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ ގާނޫނީ ހުވާކުރުމަކީ އެ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އިންތިހބުގައި ވާދަކުރި ފަރާތްތަކުގެ ހައްގަކަށް އުނިކަން އަތުވެދާނެކަމެއް ކަމަށް ބެލެވޭކަމަށެވެ.
އެހެން ކަމުން މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ކުރެވެންދެން، ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިގޮތަކަށް އަންގަންދެން، ހއ.ފިއްލަދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ ގާނޫނީ ހުވާކުރުން ފަސްކުރުމަށް ހައިކޯޓުގެ ގަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން އަމުރު ކޮށްފައިވާކަމަށެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް ގެ މަގާމު އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ އަށް ލިބެނީ ޕީޕީއެމްގެ ކެންޑިޑޭޓް މުޙައްމަދު އިރުޝާދަށް ވުރެ އެންމެ ވޯޓެއް ކުރި ލިބިގެނެވެ. ފަތުޙުﷲ އަށް 335 ވޯޓް ލިބިފައިވާއިރު، އިރުޝާދަށް 334 ވޯޓް ލިބިފައިވެއެވެ.
މި ވޯޓްތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ ވޯޓް އަލުން ނުގުނަން ނިންމައިފައެވެ.