ރާއްޖޭގައި ކޯވިޑް 19 ގެ ހާލަތު ގޯސްވެ އެންމެ އެކަށީގެންވާ ވަރަށް ބަލިޖެހޭ ފަރާތްތަކަށް ހިދުމަތް ކޮށްދޭނެ ވަރަށް ސިއްހީ އެހީތެރިން ނެތުމުގެ ސަބަބުން އަމިއްލަ ކްލިނިކް ތަކާއި ހޮސްޕިޓަލުތަކުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގެ އިސް ފަރާތްތަކުން ވަނީ ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނާ ބައްދަލުކޮށް، އެ ތަންތަނުގެ ނަރުހުންނާއި ޑޮކްޓަރުންނާއި އެހެން ހިދުމަތްތެރިން ކޯވިޑް 19 ގެ ބަލި މީހުންނަށް ހިދުމަތް ކޮށްދިނުމަށް ދޫކޮށް ދިނުމަށް އެދިފައެވެ.
އެޗްޕީއޭއިން އަންނަނީ ތަކުރާރުކޮށް ސިއްހީ އެހީތެރިން މިހާރު އެކަށީގެންވާ ވަރަށް ފަރުވާ ދޭން ނެތް ކަމަށް ބުނަމުންނެވެ. އަދި އިތުރުށް ސިއްހީ އެހީތެރިން ހޯދުމަށް މީގެ ކުރިން އިއުލާންވެސް ކޮށްފައި ވެއެވެ. ސަރުކާރުން އަމިއްލަ ތަންތަނުގެ ކިބައިން އެހީތެރިކަމަށް އެދިފައި ވާއިރު، އެތަންތަނުން އަދި އެކަމަށް ދީފައިވަނީ ކޮން ޖަވާބެއް ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް މަޝްވަރާތައް ވަރަށް ޕޮސިޓިވް ކޮށް ދިޔަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފަހަކަށް އައިސް ރާއްޖެއިން ބައްޔަށް ފައްސިވަމުންދާ މީހުންގެ އަދަދު އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ. އަދި އެކަމާއި ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުންއަންނަ ފަރާތްތަކުން ވަނީ ރައްޔިތުން އިތުރަށް މި ބައްޔާއި މެދު ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.