ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ބިލު ރައީސުލްޖުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވާފިއެވެ.
މި ބިލަކީ، މި ހުސްވި އެޕްރީލް މަހުގެ 28 ވި ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 36 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަކީ ރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް އެކަށައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން ދޭ ހިދުމަތްތައް ކުރިއެރުވުމާއި، އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، މަތީ ތައުލީމާއި ތަމްރީނު ތަރައްގީކޮށް ކުރިއެރުވުމާގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.
މި ގާނޫނުގެ މައިގަނޑު މަގްސަދަކީ ހަމަހަމަކަމާއެކު ދިވެހި އެންމެހައި ރައްޔިތުންނަށް ފުރުސަތު ހުޅުވާލެވިފައިވާ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކުރުމެވެ. ހަމަ އެއާއެކު، ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތައުލީމާއި ތަމްރީނުގެ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ހެދުމާއި، އެ ހިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތްތަކަކަށް ހެދުންވެސް މިގާނޫނުގެ މަގްސދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ގާނޫނުގެ ސަބަބުން ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަކީ މުސްތަގިއްލުކަމާއެކު އެ ތަނެއްގެ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަމާއި ބާރު ލިބިފައިވާ، ޖަވާބުދާރީ ކުރެވޭ ފަރާތްތަކަކަށް ވެގެން ދާނެއެވެ. މީގެ އިތުރުންވެސް މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމާގުޅޭ އެހެނިހެން އުސޫލުތައްވެސް މިގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކޮށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި ”މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ“ ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދޭނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެންމެހައި މުވައްޒަފުން، މި ގާނޫނު ތަސްދީގުކުރެއްވުމާއި ގުޅިގެން އުފައްދާ އިދާރާއަށް އެހިނދުން ފެށިގެން ބަދަލުވާނެކަށްވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މި އުފެއްދި އޮތޯރިޓީގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރ އޮފް ހަޔަ އެޑިއުކޭޝަންއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރެވިފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރެވޭ ދުވަހުން ފެށިގެންނެވެ.