ބ. އޭދަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބ. އަތޮޅުގެ ރިސޯޓަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން މިކަމާއި ގުޅިގެން ބުނެފައިވަނީ، މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ހައްޔަރު ކޮށްފައިވަނީ ބ. އަތޮޅުގެ ރިސޯޓެއްގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މެއި މަހުގެ 12 ވަނަ ދުވަހުގެ 16:44 ހާއިރު ކަމަށެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައި ވާކަމަށާއި، އެމައްސަލަ ބ އަތޮޅު އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.