އުމަރު ނަސީރު އޭ ބުނުމުން ދިވެހިންގެ ތެރެއިން އެއީ ކާކުކަން ނުދަންނަ ބަޔަކު މަދުވާނެ އެވެ. ރާއްޖޭގެ ސިޔާސީ ދާއިރާގައި އެތައް އަހަރެއް ވަންދެއް ހަރަކާތްތެރިވެފައިވާ އުމަރު ނަސީރަކީ ހައުސް ހޯލްޑް ނަމެކެވެ.
މީގެކުރީން ހޯމް މިނިސްޓަރުވެސް ކުރައްވާފައިވާ އުމަރު ނަސީރު، ރާއްޖޭގެ މުސްތަގުބަލާ މެދު ގިނަ ހުވަފެންތަކެއް ދެކިލައްވައެވެ. އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އިތުރު ހިތްވަރަކާއެކު އާ ތަސައްވުރެއްގައި ހިފައި ވަނީ މަސައްކަތްކުރަންވެސް ފަށާފައެވެ. އަލަށް އުފެދިގެން އަންނަ މޫވްމެންޓް ކަމަށްވާ ”ޑީއެންއޭ“ އަކީ އެކަމުގެ ހެއްކެކެވެ.
”ދިޑެއިލީ“އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އުމަރު ވަނީ ޑީއެންއޭއާއެކު ކުރަމުންދާ ހުވަފެންތަކާއި ކުރިއަށް ރާވާފައިވާ ކަންތައްތަކަށް އަލިއަޅުވާލާފައެވެ. އަދި ރާއްޖޭގައި އުމަރުގެ ވެރިކަމެއްގައި މުޖުތަމައު އޮންނާނެ ގޮތުގެ މައްޗަށްވެސް އޭނާ އަލިއަޅުވާލާފައިވެއެވެ.
އުމަރުގެ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމީ ޝަރީއަތެއް ގާއިމްކުރާނެތޯ؟
”ފުރަތަމަ ކަމަކަށް ރާއްޖޭގެ ކޮންމެ ސިޔާސީ ބޭފުޅަކީވެސް އިސްލާމީ ޝަރީއަތަށް ތާއީދުކުރާ ބޭފުޅަކަށް ވާނެ. އެހެން ނުވެ، ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ނުވެސް އުޅެވޭނެ. ދެން އިސްލާމީ ޝަރީއަތޭ ބުނީމަ ހުޅަނގުން މާނަކުރާ އިސްލާމީ ޝަރީއަތަކީ ކޮބާތޯ އަޅުގަނޑުމެން ބަލައިލަން ޖެހޭނެ.
ހުޅަނގުން އެންމެ ބޮޑަށް ދެކޮޅު ހަދާ ކަމަކީ މަރުގެ އަދަބު ހިންގުމާއި އެއްޖިންސުން ގުޅުން ހިންގުމަށާއި އެބާވަތުގެ ބައެއް ކަންކަމަށް ދެކޮޅު ހަދަނީ. އަޅުގަނޑުމެންގެ ތެރޭގައިވެސް އެބަތިބި އެކަންކަމަށް ނުރުހޭ ބޭބޭފުޅުން. އަދި ޑީއެންއޭގެ ތެރޭގައިވެސް ތިއްބަވާފާނެ.
ދިވެހިރާއްޖެ ލީޑްކުރަނީ އަޅުގަނޑު ކަމަށްވަންޏާ ދިވެހި ރާއްޖެ އިސްލާމީ ޝަރިއްޔަތާ ކައިރިއަށް ޖެހޭނެ. އެކަމަށް ޝައްކެއް ނެތް. އަދި އަޅުގަނޑުގެ ގަވާންމެންޓެއްގައި ތިބޭ ބޭފުޅުންވެސް އެއީ އެކަން ކަމަށް ތާއީދުކުރާ ބޭފުޅުންނަށް ވާނެ.
ދެން ވަކި ހާއްސަ ކަމަކަށް ބޭފުޅުން ތާއީދު ނުކޮށްފާނެ. އެއީ އަޅުގަނޑު ދެކޭގޮތުގައި މައްސަލައެއް ނޫން އަދި. ސަބަބަކީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ހިޔާލުތަފާތުވުންތަކާ އެކުގައި އަޅުގަނޑުމެން ދަތުރުކުރާނީ. ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްގެ ތެރޭގައިވެސް އެކަން އޮންނާނީ އެހެން. އަޅުގަނޑުމެންގެ ހަރަކާތުގެ ތެރޭގައި އެކަންޏެއް ނޫން އޮންނާނީ އެގޮތަށް. އަޅުގަނޑު ނޭދެން، ޑީއެންއޭ އަށް އަންނަ ކޮންމެ މީހަކީ އަޅުގަނޑު ހެނދުން އަޅާގޮތަށް، ހަޅުގަނޑު ހިނގާ ގޮތަށް ހިނގައި އަޅުގަނޑު ކެއްސާ ގޮތަށް ކެއްސާ މީހުންނަކަށް ވާކަށެއް. ޑީއެންއޭ އަށް ކޮންމެ ބޭފުޅަކީ އަމިއްލަ ފައިމަތީގައި އެ ބޭފުޅެއްގެ އަމިއްލަ ފިކުރުގައި އަމިއްލަ ވިސްނުމުގައި ތިއްބަވާ ބޭފުޅުންނަށް ވުން އަޅުގަނޑު އެދެނީ.
އެކަމު ސަރުކާރެއް ފޯމްކުރަން އަންނައިރުގައި ހިޔާލު ތަފާތުވުންތަކާއެކުގައިވެސް އަޅުގަނޑުމެން ދަތުރުކުރާނަން. އެކަމު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރީ އަޅުގަނޑު ކަމަށްވާނަމަ ދިވެހިރާއްޖެ އިސްލާމީ ޝަރިއްޔަތާ ކައިރިއަށް ޖެހެމުން އަބަދުވެސް ދާނީ،“
ޑީއެންއޭ އަކީ ކޮބާތޯ؟ އަދި ޑީއެންއޭގެ މައިގަނޑު މަގްސަދަކީ ކޮބައިތޯ؟
”ޑީއެންއޭގެ މަގްސަދަކީ ހަގީގަތުގައި އިސްލާހުކުރުމެއް ނޫން. އަޅުގަނޑުމެންގެ މަގުސަދަކީ ޓްރާންސްފޯމް ކުރުން. ދިވެހި ރާއްޖެ އަލުން މުޅިން އެއްކޮށް ބަދަލުކުރުން. އެއީ އަޅުގަނޑުމެންގެ މަގުސަދަކީ. ދިވެހިރާއްޖެ އިސްލާހުކުރުމުގެ މަގުސަދުގައި ނުވަތަ އިސްލާހުކުރުމުގެ ނަންފިލާގަނޑުގެ ދަށުގައި ވަރަށް ގިނަ ޕާޓީތައް، ވަރަށް ގިނަ ސިޔާސީ ޝަހުސިއްޔަތުތައް މަސައްކަތްކޮށްފި.
ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނީ 2005 ވަނަ އަހަރުގައި، މި ވިދާޅުވާ އިސްލާހުގެ ނަމުގައި. އިސްލާހުގެ ނަންފިލާގަނޑުގެ ދަށުގައި 2005 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދިވެހިރާއްޖެ މިކުރި 16 އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އިސްލާހެއްވެސް ނުވި އަދި ދިވެހިރާއްޖެއަށް އެކަށިގެންވާ ބަދަލެއްވެސް ނާދެ.
އެހެންވެ އަޅުގަނޑުމެން ޑީއެންއޭ މި ވަކާލާތު ކުރަނީ ދިވެހިރާއްޖެ ޓްރާންސްފޯމްކުރަން. މުޅި އެއްކޮށް އަޅުގަނޑުމެންގެ ހުރިހާ ކަމެއް ބަދަލުކުރަން. އެއީ ސިޔާސީ ކަންކަން، އިގްތިސޯދީ ކަންކަން، އިޖުތިމާއީ ކަންކަން، ސިއްހީ ކަންކަން. އެހެންވީމަ މި ދަންނަވާ ޓްރާންސްފޯމްތަކުގައި އަޅުގަނޑުމެން ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި އެންމެ މުހިއްމު އެއް ކަމަކީ އަޅުގަނޑުމެން ސިޔާސީ ބެޓްލް އެއް ވިން ކުރުން. އެ 2023 ވަނަ އަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާ ސިޔާސީ ބެޓްލް ވިން ކުރުން.
ސިޔާސީ އިންތިހާބެއްގައި ވާދަކޮށް އިންތިހާބު ކާމިޔާބުކޮށްގެން މެނުވީ އެއްވެސް ބަދަލެއް، އެއްވެސް ޓްރާންސްފޮމޭޝަނެއް ދިވެހިރާއްޖެއަކަށް ނުގެނެވޭނެ. އެހެންވީމަ ފުރަތަމަ ބެޓްލް އޮތީ އަޅުގަނޑުމެންނަށް 2023 ވަނަ އަހަރުގައި. އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު ވިން ކުރުމަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން. މިހާރު މިވަނީ ޑީއެންއޭ ލޯންޗްކުރެވި ޑީއެންއޭގެ މަސައްކަތްތައް އަޅުގަނޑުމެންނަށް ފެށިފައި. ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖެ ކަންބޮޑުވާ މުހިއްމު ކަންކަމާ ބެހޭގޮތުން އަޅުގަނޑުމެން ޕަބްލިކާ ވާހަކަދައްކަވަމުން ގެންދާނަން.
އެންމެ ހާއްސަގޮތެއްގައި އަޅުގަނޑުމެން އާންމު ރައްޔިތުންނާ ހަމައަށް ގެނެސްދޭނީ ތަފާތަކީ ކޮބާތޯ ޑީއެންއޭއާއި އެހެނިހެން ސިޔާސީ ޕާޓީތަކާ ހުރި ތަފާތަކީ ކޮބާތޯ. އަޅުގަނޑުމެން މި ވަކާލާތު ކުރަނީ ދިވެހިރާއްޖޭގައި ލީޑްކުރަން ޖެހޭނީ ތިން ސިފައެއް ލިބިގެންވާ ސިޔާސީ ލީޑަރުންތަކެއް.
ފުރަތަމަ ސިފައަކީ ތައުލީމީގޮތުން ފުންނާބު އުސްވާންވާނެ. ދެވަނަ ކަމަކީ ތަޖުރިބާ ހުންނަން ވާނެ. ތިންވަނަ ކަމަކީ ފަސްބައި ސާފުވާން ވާނެ. އެހެންވީމަ ޑީއެންއޭގެ ކުރީ ސަފުން ތިބޭފުޅުންނަށް އަބަދުވެސް ފެންނާނީ މި ދަންނަވާ ތިން ސިފަ ފުރިހަމަ ވެފައިވާ ބޭފުޅުން. އެހެންވީމާ މި ތިން ސިފައިގެ މައްޗަށް އެކުލެވޭ ޑްރީމް ޓީމެއް އަޅުގަނޑު މި އެކުލަވާލަނީ. ޑްރީމް ޓީމެކޭ މި ދަންނަވަނީ ދިވެހިރާއްޖެ ޓްރާންސްފޯމް ކުރުމަށް، ދިވެހިރާއްޖެ އެއްކޮށް ބަދަލުކުރުމަށް ބޭނުންވާ ޓީމެއް. އެހެންވީމަ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ތިބޭފުޅުންނަށް ފެނިގެންދާނީ އަޅުގަނޑުމެން ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ބޮޑުބަދަލުގައި. މި ބަދަލު އަންނާނީ ކިހިނެއްތޯ، އެ ބަދަލު އައުމުން ދިވެހިރާއްޖެ ފެންނާނީ ކޮން ގޮތަކަށްތޯ ބެހޭގޮތުން އަޅުގަނޑުމެން ގެނެސްދޭ ވިޝަންތައް ފެންނާނެ. ސިޔާސީ ހަރަކާތްތައް ފެންނާނެ. ޕަބްލިކް ރެލީސްތައް ފެންނާނެ. އެހެން ހުރިހާ ހަރަކާތްތަކެއް ފެންނާނެ. އެންމެ އިންޗިއެއްވެސް ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކަށް އަޅުގަނޑުމެން ނުދޭނަން،“
ކޮބާތޯ އެމްޑީޕީ އާއި ޕީޕީއެމް އާއި ދޭތެރޭ އުމަރުގެ ހިޔާލަކީ؟
”ވަރަށް ބޮޑަށް ފްރަސްޓޭޓެޑް ވެއްޖެ އަސްލުގަ، ދިވެހިރައްޔުން އެމްޑީޕީއާ ދޭތެރޭގައިވެސް. އަދި ޕީޕީއެމްއާ ދޭތެރޭގައިވެސް. މި ދެ ޕާޓީއަށްވެސް ދިވެހި ރައްޔިތުން ދީފި 3/2 މެޖޯރިޓީ ޕާލަމެންޓްގެ. ސަރުކާރާއި 3/2 މެޖޯރިޓީ ދެ ޕާޓީއަށްވެސް ދީ، ދެ ޕާޓީވެސް ޓެސްޓްކުރެވިއްޖެ. ޓެސްޓް ކުރެވުނުއިރު ދެ ޕާޓީގެ ނަތީޖާވެސް ވަރަށް ތަފާތު، ވަރަށް ދަށްކޮށް އޮތީ. ދެން މިހާރު މި ހިނގަނީ އެމްޑީޕީ ސަރުކާރު. އެމްޑީޕީ ސަރުކާރު ވަރަށް ބޮޑަށް ސިފަކުރެވެނީ އެތެރޭގެ ތަޅާފޮޅުމަކަށް ގޮސް އޮތް މަންޒަރު. އެއީ ރައީސް ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދު ވަރަށް ބޮޑު ހަނގުރާމައެއް ފެށިގެން އެ ހިނގަނީ. އެ ހަނގުރާމަ ދާނެ ވަރަށް ބާރަށް. އެ މަންޒަރު ދުށިން ޕީޕީއެމްގެ ތެރޭގައިވެސް. ރައީސް ޔާމީން އާއި ރައީސް މައުމޫން އާ ދެމެދުގައިވެސް އެގޮތަށް ކަންތައް ހިނގައި ދިޔަ މަންޒަރު އަޅުގަނޑުމެނަށް ފެނިއްޖެ.
އެހެންވީމަ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީވެސް ރައީސް މައުމޫންގެ ތާއީދުގައި. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސްކަމަށް ވަޑައިގަތީވެސް ރައީސް ނަޝީދުގެ ތާއީދުގައ. އެހެންކަމުން އެއްވެސް ބޭފުޅެއް ވަޑައިގަތީ އަމިއްލަ ފައިންޕުޅުން ހިންގަވާފައެއް ނޫން. އެހެންވީމަ ނުކުންނަ މައްސަލައެއް މިހާރު ނިކުމެގެން މިއުޅެނީ. އިރާދަކުރެއްވިއްޔާ ޑީއެންއޭއިން އަންނަ ލީޑަރެއް އަންނާނީ އެމީހެއްގެ އަމިއްލަ ފައިމަތީގައި، މީހެއްގެ ކޮނޑަކު ނޫން އަންނާނީ. އެހެންވީމާ ތަފާތުވާނެ އަޅުގަނޑުމެން ގެނެސްދޭ ސަރުކާރު.
އަޅުގަނޑަށް ފެންނަގޮތުގައި އެމްޑީޕީ ސަރުކާރު ވަނީ ވަރަށް ބޮޑަށް ފެއިލް ވެފައި. އެމީހުން، ތިމަންނަމެން ނުކުރާނަމޭ ބުނި ހުރިހާ ކަމެއް ކޮށް، ކޮރަޕްޝަނާވެސް ދިމާލަށް ދަތުރުކޮށް އަދި ގަވާނެންސްއިންވެސް ވަރަށް ބޮޑަށް ފެއިލް ވެފައި. އެހެންކަމުން އިންތިހާބުން އެކަން ފެނިގެންދާނެ.
ދެން އޮތީ ރާއްޖޭގެ އިދިކޮޅު ޕާޓީ ޕީޕީއެމް. ޕީޕީއެމްއަކަށް އިދިކޮޅު ޕާޓީގެ ދައުރު ސީދާ އަދައެއް ނުކުރެވޭ. އެޕާޓީގެ ލީޑަރު ޖަލުގައި ހުރީމައި އެޕާޓީގެ ދައުރު އަދާ ނުކުރެވެނީ. އެހެންވީމަ ވަރަށް ބޮޑަށް ވީކް ވެފައި އަޅުގަނޑުމެންގެ ޕޮލިޓިކަލް ސިސްޓަމް މިއޮތީ. ޑީއެންއޭއަށް ވަރަށް ބޮޑު ޖާގަ އެބައޮތް، މެދުން ކުޅެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މެދުން މަތިކޮށާނަން. މެދުން ކޮށާ މަގުގައި ޑީއެންއޭ ކާމިޔާބުކުރާނަން،“
ވެންޓިލޭޓަރު ކޮރަޕްޝަންގެ ވާހަކަ މިހާ ގަދައަށް މި ދެކެވެނީ ކީއްވެތޯ؟
”އަޅުގަނޑު ދެކޭގޮތުގައި މި ވެންޓިލޭޓަރުގެ ވާހަކައަކީ އެމީހުންގެ އެތެރޭގެ ހަނގުރާމައަކަށް ނަގައިގެން އުޅޭ އެއްޗެއް އެ އެއްޗަކީ. އެއަށްވުރެ މާބޮޑު ކޮރަޕްޝަނެއް ނޫންތޯ އެމްއެމްޕީއާރުސީ ކޮރަޕްޝަން އަކީ. މިހާރު އެމްއެމްޕީއާރުސީ ކޮރަޕްޝަން އަކީ ހަމައެކަނި ހިސާބު ކިތާބުން ދައްކާގޮތުގައި 1.2 ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ވާހަކައެއް މި ދައްކަވަނީ. ވެންޓިލޭޓަރު ކޮރަޕްޝަން އަކީ ގާތްގަނޑަކަށް ދެތިން މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ވާހަކަ އެ ދައްކަވަނީ. އެކަމު ވެންޓިލޭޓަރުގެ ވާހަކަ ނަގައިގެން ނަޝީދު އެވަރަކަށް އެ ދައްކަވަނީ އެއީ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާ ދޭތެރޭ ހިނގާ ހަނގުރާމައިގެ ރަނގަޅު ބަޑިބޭހަކަށް ބޭނުންކުރަން. އެއީ އެއްވެސް ގޮތެއްގައި ދިވެހިރާއްޖެއަށް ބޮޑު މައްސަލައަކަށް ވެގެނެއް ނޫން.
ރާއްޖޭގައި ދިމާވި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ. އެ މައްސަލައިގައި 1.2 ބިލިއަން ރުފިޔާގެ ހިޔާނާތެއް މިއުޅެނީ. މީގައި ވަނީ ރާއްޖޭގެ ދެ ޕާޓީގެ ގައިގައިވެސް ހޭކިފައި. އެހެންވީމާ މިވާހަކަ ނުދައްކާ، ހަމައެކަނި ވެންޓިލޭޓަރުގެ ވާހަކަ އެ ދައްކަވަނީ ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދުގައި ބަޑި ބޭހަށް ބޭނުންކުރަން ދައްކާ ވާހަކައަކަށް.
މިއީ އަޅުގަނޑު އެހާ ކަންބޮޑުވާ ކަމެއް ނޫން. އަޅުގަނޑު ކަންބޮޑުވަނީ އެމްއެމްޕީއާރުސީގެ މައްސަލަ. އެމްއެމްޕީއާރުސީގެ މައްސަލައިގައި އެންމެ ބޮޑަށް ހިޔާނަތްތެރިވި މީހާ އޮތީ ގޭ ބަންދުގައި ބަހައްޓާފައި. އެ މައްސަލައިގައި ޖަލުގައި ބަހައްޓަވާފައިވަނީ އެންމެ ބޭފުޅެއް. އެއީ ރައީސް ޔާމީން އެކަނި.
މިއީ އެއްބަޔަކު ވައްކަންކޮށްފައި ބައިއެޅިއިރުގައި ދެ ބަޔަށްވެސް ބައި އަޅައިގެން ކަންކޮށްފައި އޮތީ. އެކަމާ ބެހޭގޮތުން ވާހަކަ ދައްކާނެ، އަޑު އުފުލާނެ ޕާލަމެންޓް މެމްބަރެއްވެސް ނެތް އަދި އެހެން ބަޔަކުވެސް ނެތް އެކަމާ ބެހޭ. ދިވެހިރާއްޖޭގެ ހަގީގީ ކޮރަޕްޝަންގެ ކޭސްއަކީ އެމްއެމްޕީއާރުސީ ކޭސް. އެ ކޭސްގެ ވާހަކަ އަޅުގަނޑުމެން ދައްކަން ޖެހޭނީ. އެ ފައިސާ ނުލިބިގެން ދައްކަން ޖެހޭނީ. މި ސަރުކާރުން ވެރިކަމަށް އައީ އެ ވާހަކަ ވަރަށް ބޮޑަށް ދައްކަމުން. އަދި ސަރުކާރު އައިތާ ކައިރީގައި ބުނި 200 މީހުންގެ ލިސްޓެއް އޮތް ވާހަކަވެސް. ކޮބާތޯ އެ 200 މީހުންގެ ލިސްޓު މިހާރު؟ ކިތައް މީހުންގެ މައްޗަށް ދައުވާ އުފުލިއްޖެތޯ؟ ކިތައް މީހުންގެ މައްޗަށްތޯ ކޯޓުގެ މައްސަލަ ހިނގަނީ؟ ގައިގަނޑަކަށް ދެބައިގަނޑަށް ދުއްވެނީ ސަރުކާރު. ދުއްވިއިރު އަދިއެއް އެމްއެމްޕީއާރުސީ މައްސަލަ، އެއްވެސް ކޮޅެއްގައި ނުޖެހޭ. އަޅުގަނޑު ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ ނުވެސް ޖައްސާނެ. ސަބަބަކީ އެމްއެމްޕީއާރުސީ މައްސަލަ ކޮޅެއްގައި ޖެހިއްޖެނަމަ އެމްޑީޕީ ސަރުކާރުގައި ތިބި ބޭފުޅުންވެސް އިދިކޮޅުގައި ތިއްބެވި ބޭފުޅުންވެސް، ހުރިހާ ބޭފުޅުން އޭގައި ހޭކި ހަލާކުވެގެންދާނެ. އެހެންވީމާ ސަރުކާރަށް މިވަގުތު އެންމެ ރަނގަޅީ ޕީޕީއެމްއާ އެމްޑީޕީއާ ގުޅިގެން މި ވާހަކަ ނުދައްކާ ތިބިއްޔާ. އެހެންވީމާ ޑީއެންއޭ މި އަންނަން ޖެހެނީ. ޑީއެންއޭގައި އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ ކޮންމެ ބަޔަކު ކޮރަޕްޝަން ހިންގި ނަމަވެސް ކޮރަޕްޝަން ނައްތާލަން ޖެހޭނެ ވާހަކަ. އެއީ އެމްޑީޕީއިން ހިންގި ނަމަވެސް. ޕީޕީއެމްއިން ހިންގި ނަމަވެސް ކޮރަޕްޝަން ނައްތާލަން ޖެހޭނެ ވާހަކަ. އެހެންވީމަ ރާއްޖޭގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަން ކޭސް އަކީ އެމްއެމްޕީއާރުސީ ކޭސް. ވެންޓިލޭޓަރު ކޭސްއަކީ އެ ކޭސްއާ ބަލާއިރު ކައިރިކުރާ އެއްޗެއްވެސް ނޫން،“
އުމަރު އާއްމު ކުރެއްވި ޔޫޓީއެފް އެގްރީމަންޓް އަކީ ސައްހަ ލިޔެކިޔުން ތަކެއް ނޫން ކަމަށް ސަރުކާރުން ވަނީ ބުނެފަ. މިކަމާއި ގުޅިގެން ކީކޭތޯ ވިދާޅުވާނީ؟
”ފުރަތަމަ ކަމަކަށް އަޅުގަނޑު ޕަބްލިކާ ހަމައަށް ގެނެސްދިން ޔޫޓީއެފްގެ އެގްރީމެންޓަކީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޮނުވި އެއްބަސްވުން ޑްރާފްޓްކޮށްފައި ފޮނުވިތަނުން އޮތް ގޮތަށް. ހަމަ އޭގެ ސްކޭން ކޮޕީ. އެހެންވީމަ އެއީ ދޮގެއް ކަމަށް ބުނާ ކަމަށްވާނަމަ އަސްލު ޖެހޭނީ ދައްކާލަން. އަޅުގަނޑު އެދެން އަސްލު ދައްކާލަން.
ނުވަތަ އަޅުގަނޑު ގެނައި އެތި އެއީ ޑްރާފްޓް ނޫން ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުނަންވާނެ. މީގެ ނުކުތާއަކީ، މިއީ ޑްރާފްޓްތޯ ނުވަތަ ނޫންތޯ އެއް ނޫން، މީގައި އޮތީ ކޯއްޗެއްތޯ.
އިންޑިއާ ސަރުކާރުން ބޭނުންވަނީ ދިވެހިރާއްޖޭގައި މިލިޓަރީ ބޭސްއެއް ގާއިމުކުރަން. އެހެންވީމައި އެކަން އެ އެއްބަސްވުމުން ވަރަށް ރަނގަޅަށް ސާފުވެއްޖެ ކޮން ކަމެއްކަން ބޭނުންވަނީ. އެހެންވީމާ އެ ލެންސުން އަޅުގަނޑުމެން ބަލާއިރުގައި އައްޑޫ އަތޮޅުގައި ބާއްވާފައިވާ ހެލިކޮޕްޓަރާއި އައްޑޫ އަތޮޅުގައި އަޅަމުން ގެންދާ ޕޮލިސް ޓްރެއިނިން ސްކޫލާއި ހަނިމާދޫގައި ބާއްވާފައިވާ ޑޯނިއާ މަތިންދާ ބޯޓާއި އެއާއެކުގައި ތިބި ސިފައިންނާ އަދި ލ. އަތޮޅުގައި ބާއްވާފައި އޮތް ހެލިކޮޕްޓަރާއި އެއާއެކު ތިބި ސިފައިންނާ ޔޫޓީއެފް އެގްރީމެންޓް، މި ހަތަރެތި އެއްކޮށްލާފައި ބަލާލީމައި އަޅުގަނޑުމެންނަށް އެނގޭ އިންޑިއާ ސަރުކާރުން ބޭނުންވަނީ ދިވެހިރާއްޖޭގައި މިލިޓަރީ ބޭސްއެއް ގާއިމުކުރަން ކަމާއި، ރާއްޖޭގެ ހަތަރު ފަރާތެއްގައި އެހެން ނަމެއްގައި ވަލު ދޮރާށިން ފައިބައިގެންކަން. މިއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމަކީ.
ހަމައެކަނި ޔޫޓީއެފް އެގްރީމެންޓް އަޅުގަނޑުމެން ބަލަން ވާނީ އައިސޮލޭޓްކޮށް ހަމައެކަނި އެއަކަށް އެކަންޏެއް ނޫން. މިއީ ޗެއިންއެއްގެ ހަތަރު ބޮޅުން އެއް ބޮޅު، ޔޫޓީއެފް އެގްރީމެންޓަކީ. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އިންޑިއާއިން ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލޭގޮތަށް މިހާބޮޑަށް ދިވެހިރާއްޖެއަށް އެތެރެއަށް ވަތް ވަނުން. ރާއްޖޭގެ ތާރީހުގައި މަލާބާރީން ރާއްޖެ ހިފައިގެން ތިބިއިރުގައި، ތިބި ވަރަށްވުރެވެސް ބޮޑަށް ދިވެހިރާއްޖޭގެ ހަތަރު ސަރަހައްދަކަށް ވަނީމި މިހާރުދެން. ނުވަތަ އެއާ އެއްވަރަށް އިންޑިއާ ސިފައިން މި ވަނީ ވަދެފައި މިހާރު. މިއީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް މިކަމާ ދެބަސްވާނެ އެއްވެސް ބޭފުޅެއް ނުހުންނާނެ. ބައެއް ބޭފުޅުން ވިދާޅުވެދާނެ މިލިޓަރީ ބޭސްއެއް އޮވެގެން ކިހިނެއްހޭ ވާނީ. އިންޑިއާ ސަރުކާރު މިލިޓަރީ ބޭސްއެއް މިތާ އޮތުން އެއީ އަޅުގަނޑުމެންގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. އެއްވެސް ކުޑަގައުމަކުން ޖެހިގެން އޮންނަ އަވަށްޓެރި ބޮޑު ގައުމުގެ މިލިޓަރީ ބޭސް ބަހައްޓާނެ ޖާގައެއް ނުދޭނެ. މާދުރު އެހެން ގައުމެއްގެ މިލިޓަރީ ބޭސް އެއް ބާއްވަފާނެ.. އަވަށްޓެރި ގައުމެއްގެ މިލިޓަރީ ބޭސްއެއް ނުބާއްވާނެ. އެމީހެއް ގޯހެއް ހަދާފާނެތީ. މިހާރު އިންޑިއާއަށް ރާއްޖޭގެ ހަތަރު ސަރަހައްދަކަށް ފައިބާތިބުމުންނާއި އަޅުގަނޑު ނެރުނު އެގްރީމެންޓް ވަރަށް ސާފުވޭ އިންޑިއާއިން ބޭނުންވަނީ ރާއްޖޭގައި މިލިޓަރީ ބޭސްއެއް ގާއިމުކުރަންކަން. މިހާރު ހަތަރު ސަރަހައްދަކަށް ފައިބާ ތިބުން އެއީ ފޭސް ވަން،“
ރާއްޖެއަށް ގެނައި ޕާޓީ ސިސްޓަމްގެ ސަބަބުން ގައުމަށް އޭގެން ފައިދާތަކެއް ވީކަމަށް މަނިކުފާނު ގަބޫލްފުޅު ކުރައްވަންތޯ؟
”އަޅުގަނޑު ފާހަގަކޮށް ދަންނަވާލާނަން،ރާއްޖޭގައި ސިޔާސީ ޕާޓީތައް ވެރިކަން ކުރަން ފެށިއިރުން ފެށިގެން މިއަދާ ހަމައަށް މިވީ 16 އަހަރު ދުވަހުގައި ރާއްޖެއަށް ގެއްލިގެން ދިޔަ ހަރު މުދަލާއި ދިވެހިރާއްޖޭގެ ތިޖޫރީއިން ގެއްލިގެން ދިޔަ ފައިސާއަށް ދައުލަތުގެ ތެރޭގައި މަސައްކަތް ކުރަން ތިބި ގާބިލު، ހަރުދަނާ ބޭފުޅުން ދޫކޮށް ދިޔަ ދިޔުން އަޅުގަނޑުމެން އެ 16 އަހަރާއި އޭގެ ކުރީން ހިނގާ ދިޔަ 50 އަހަރާއި އަޅާ ބަލާއިރުވެސް ނުބައްދަލު އިނގޭތޯ. ވަރަށް ބޮޑު ގެއްލުން، ސިޔާސީ ޕާޓީ އައިސްގެން ދީފި. ސިޔާސީ ޕާޓީތައް އައުމަށްފަހު ދިވެހިރާއްޖޭގެ ސަރުކާރުގެ ތެރެއަށް ވަނީ އެކްޓިވިސްޓުން. ނުކިޔަވާތިބި ތަންދޮރު ނުދަންނަ މީހުން ސަރުކާރު ހިންގުމުގައި. އޭގެ ސަބަބުން ރާއްޖެ ފަހަތަށް ސޮއްސާލަމުން މިދަނީ.
އެއްގޮތަކަށްވެސް ދިވެހީން، މި ސިޔާސީ ޕާޓީތައް ބުނާހާގޮތަކަށް ވޯޓުދީގެން މިމީހުން ޖަހާހާ ބެރަކަށް ނަށާ މިހެން ހަދައިގެން ދިވެހިން ދާނެ ކަމެއް ނެތް. މިހެންވާނަމަ ދިވެހިރާއްޖެއަށް ދުވަހަކުވެސް ކުރިމަގެއް ނުލިބޭނެ. ދިވެހިރާއްޖޭގެ ހުރި ވަސީލަތްތަކަށް ދިވެހިރާއްޖޭގައި ތިބި މީހުންގެ އިންޓެލިޖެންސާއި މީހުންގެ ސިކުނޑީގައި ހުރި ގާބިލުކަން މިހުރިހާ ކަމަކަށް ބަލާނަމަ ރާއްޖެއަކީ 20 އަކަށް އަހަރު ތެރޭގައި ތަރައްގީވފައިވާ ގައުމަކަށް ބަދަލުކުރެވިދާނެ. އެކަމަށް ބޭނުންވަނީ ސްޓްރޯންގް ވަރުގަދަ ލީޑަޝިޕެއް. އިރާދަކުރެއްވިއްޔާ ޑީއެންއޭއިން އެ ލީޑާޝިޕް ގެނެސްދޭނެ.