ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި، އެ ހާއްޔަށް ބިސްއަޅައި ބިސް ފީކުރާނީ އެ ޕާޓީންކަމަށް ދައްކަވާ ވާހަކަތައް, އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ތަކުރާރުކުރައްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ނިންމައިލުމުގެ ގޮތުން ބުރާސްފަތި ދުވަހުގެރޭ އއ.ރަސްދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ޤައުމު ބަދަލުކޮށްލާނެ ޕާޓީއަކީ އެ ޕާޓީ ކަމަށެވެ. އަދި އެއީ އެމްޑީޕީ އުފެދުނު މަޤުސަދު ކަމަށާއި، ލާމަރުކަޒީ ނިޒާމަކީ އެއްވެސް ރަށެއް ބާކީނުކޮށް ޚިދުމަތް ފޯރުކޮށްދޭން ވުޖޫދުކުރި ނިޒާމެއް ކަމަށާއި، އެމްޑީޕީން އެކަން ކުރާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމައެހެންމެ އެ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި، އެ ހާއްޔަށް ބިސްއަޅައި ބިސް ފީކުރާނީ އެ ޕާޓީންކަމަށެވެ. އަދި އެ ބިހުން ދޫނިނެރެ ދޫކުރާނީ ވެސް އެ ޕާޓީން ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން އުޅެނީ އެ ހާއްޔަށް ބިސްއަޅަންކަމަށާއި، ނަމަވެސް ބިހެއް ނޭޅޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހާއްޔަކާއި ބިހުގެ ވާހަކަ ރައީސް ނަޝީދު ދައްކަވައިފައިވާއިރު، އޭގެކުރިން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެ ބިހުން ނިކުންނަ ފިޔޮއް އުދުއްސައިގަންނާނީ އަނެއް ދިވެހި ރާއްޖެއަށް ކަމަށެވެ.