ފަސްއަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު، ސިޓީއެއްގެ ޒަރީޢާއިން ދިވެހި ރައްޔިތުންނަށް މެސެޖުތަކެއް ދެއްވައިފިއެވެ.
ޗެނަލް 13 މެދުވެރިކޮށް އެ މަނިކުފާނުގެ ދަރިކަލުން ޒޭން ވަނީ މި ސިޓީ އިއްވަވައިފައެވެ.
ރައީސް ޔާމިންގެ ސިޓީ ފައްޓަވަމުން ރައްޔިތުންނަށް ވެދުން ސަލާމް ރައްދުކުރައްވައި ވިދާޅުވީ މާފުށީގެ ކުޑަގޮޅިން ދިވެހި ރައްޔިތުންނާ މި ބައްދަލުކުރައްވަނީ ޤައުމުގެ ހާލަތާމެދު ނުހަނު ކަންބޮޑުވެވަޑައިގެން ހިތާމަކުރައްވާ ހާލުގައި ކަމަށެވެ.
ރައީސް ޔާމިންގެ ސިޓީގައިވަނީ 2013 ވަނަ އަހަރު އެ މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން ރާއްޖޭގެ އިޤްތިސާދުކޮޅަށް ޖައްސަވައި، ޤައުމީ މަސްލަހަތާއި ގުޅުންހުރި މައްސަލަތައް ހައްލުކުރައްވައިފައިވާކަން ފާހަގަކުރައްވައިފައެވެ. ހަމައެހެންމެ ރާއްޖެއަކީ ފުރިހަމަ މިނިވަންކަމާއި ސިޔާދަތު ލިބިފައިވާ، އަދި ރައްޔިތުން ފަޚުރުވެރިވާފަދަ ޤައުމަކަށް ހައްދަވައިދެއްވިކަން ވެސް ފާހަގަކުރެެއްވިއެވެ.
އޭގެ ނަތީޖާއަކީ ވާދަވެރި ސިޔާސީ ފަރާތްތަކުންނާއި، އެ ބޭފުޅުންނަށް ވާގިވެރިވާ ބޭރުގެ ފަރާތްތަކުން އެ މަނިކުފާނު ޖަލަށްލުންކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ބަވަނަވެފައިވާ މި ދުނިޔޭގައިވާ މިފަދަ ކުޑަ ޖަޒީރާ ޤައުމަކަށް ހަމަ އިސްކޮޅަށް ތެދުވެވޭނީ ވަރަށް ސާބިތުކަމާއެކު ނުކުމެގެންކަން ފުރަތަމަ ދުވަހުން ފެށިގެން ޤަބޫލުފުޅު ކުރެއްވިކަމަށެވެ.
ހަމައެހެންމެ ފުރަތަމަ ދުވަހު ނުކުމެވަޑައިގެންނެވީ މި ދަތުރަކީ ފަސޭހަ ދަތުރަކަށް ނުވާނެކަން އެނގިވަޑައިގެންކަމަށް ވެސް ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިނު ވިދާޅުވީ އެ މަނިކުފާނު ނުކުމެވަޑައިގެންނެވީ ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިންކަމަށް ދެކެވަޑައިގެން ބޮޑެތި ބާރުތަކާއި ނުފޫޒުތަކުގެ އަޅުވެތިކުރުމުގެ ފަލްސަފާއާއި ދެކޮޅުހައްދަވަމުން ކަމަށެވެ. އެ ވިސްނުމަކީ ޕީޕީއެމްއާއި ޕީއެންސީގެ ފިކުރު ކަމަށާއި، އެއީ ޤައުމީ ފިކުރުކަމަށާއި، އެ ފިކުރު ރައްޔިތުންގެ ހަށީގައި ލޭ ހިނގާހައި ހިނދަކު މި ޤައުމަށް ވާނެގޮތެއްވާން ދޫކޮށްނުލާނެކަމުގެ ޔަޤީންކަން އޮންނެވިކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ތަހައްމަލު ކުރައްވަމުން މި ގެންދަވަނީ ޙަޤީޤީ އަނިޔާ ކަމަށާއި، ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެކަމަށެވެ. އަދި އެމަނިކުފާނުގެ ހިތްޕުޅު ހަމަޖެހުމާއި އުފާވެވަޑައިގަތުމަށްވުރެ މުހިންމީ އަދި އިސްކުރައްވާނީ ރައްޔިތުންގެ މަސްލަހަތު ކަމަށެެވެ.
ހަމައެހެންމެ އެ މަނިކުފާނަށް މުހިންމީ ރައްޔިތުންގެ މިނިވަންކަމާއި، އިސްތިޤުލާލުކަން ފާހަގަކުރައްވައި ވިދާޅުވީ ބޭރު މީހުން ޤައުމުގެ ދާޚިލީ ކަންކަމުގެތެރެެއަށްވަދެ ގޮތްކިޔާކަށް ނުޖެހޭނެ ކަމަށެވެ. އަދި އެކަމަށް ދިވެހިން ފާރަވެރިވުމަށް ވެސް އެ މަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.