އެމްޑީޕީ ވެރިކަމަށް އައިސްގެން ބޮޑު އެއްވެސް ސިޓީއަކަށް ތަރައްޤީއެއް ނުގެނެވުނުކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުަހާއްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް ފާޑުވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރު ޑރ.ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައިސްގެން ބޮޑު އެއްވެސް ސިޓީއަކަށް ލިބުނު ތަރައްޤީއެއް، ލިބުނު ކުރިއެރުމެއް ނެތް ކަމަށެވެ.
ހަމައެހެންމެ މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީއާއި، ކުޅުދުއްފުށި ސިޓީގައި ބިޔަ މަޝްރޫޢުތައް ހިންގައިފައިވަނީ ޕީޕީއެމްގެ ވެރިކަމުގައި ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
”ބޮޑު އެއްވެސް ސިޓީއަކަށްވެސް އެމްޑީޕީއަށް ތަރައްޤީއެއް ނުގެނެވުނު. މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި ސިޓީތަކަށް ބިޔަ މަޝްރޫޢުތައް ގެނެސްދިނީ ރައީސް ޔާމީން/ޕީޕީއެމްއިން އެކަނި.“ ޑރ.ޖަމީލްގެ ޓްވީޓުގައިވެއެވެ.
ކަންމިހެން ހުރިއިރު މި މަހުގެ 10 ވަނަ ދުވަހުގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ފައިދާ ރައްޔިތުންނަށް ކުރާނީ ޕީޕީއެމްގެ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވައިގެންކަމަށް ވެސް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.