ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށްދާއިރު ކަސްޓަމްސްގެ ބައެއް ހިދުމަތްތައް އެ ދުވަހު މެދުކަނޑާލުމަށް ނިންމައިފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނެފައިވަނީ އިންތިހާބު އޮންނަ ދުވަހު ގިނަ ސެކްޝަންސްތަކެއް ބަންދުވާނެ ކަމަށެވެ.
އެގޮތުން އެ ދުވަހު ހުޅުވާފައި ހުންނާނީ ހަމައެކަނި ތިން ސެކްޝަން ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އެއީ އިންޓަނޭޝަނަލް ފްލައިޓްތަކަށް ހިދުމަތް ދިނުމަށް ފަސިންޖާ ކްލިއަރަންސް ސެކްޝަން އާއި އިންޓަނޭޝަނަލް ފްލައިޓްތަކަށް ހިދުމަތް ދިނުމަށް އެއާ ކާގޯގެ ޑޮކިއުމެންޓޭޝަން ސެކްޝަން އެވެ. އޭގެއިތުރުން ރާއްޖެއިން ބޭރަށް ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ހިދުމަތް ދިނުމަށް ހާބާ މެނޭޖްމެންޓް ސެކްޝަންވެސް ހުޅުވާފައި ހުންނާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އެ ސެކްޝަންތަކުން ހިދުމަތްތައް ހުކުރު ދުވަހުވެސް ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު އިތުރު އެހެން ހިދުމަތްތަކެއްވެސް ހުކުރު ދުވަހު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސީ ކާގޯ ކްލިއަރެންސް އާއި ބޮންޑެޑް ވެއާހައުސް އަދި ހުޅުމާލެ ސީ ކާގޯ ކްލިއަރެންސްގެ ހިދުމަތްވެސް ހުކުރު ދުވަހު ފޯރުކޮށްދޭނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.