ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ސައިޓް މޮބިލައިޒްކޮށްފިއެވެ.
އެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް މިއަދު ދިއްދޫގައި ވަނީ ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި، ޕްރޮޖެކްޓް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެފައިވެއެވެ.
ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެއިތުރުން 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4،320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
އެ މަޝްރޫއަކީ ސަރުކާރުން އެމްޓީސީއާ 69.9 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ނިންމުމަށް ވަނީ އެއް އަހަރުގެ މުއްދަތެއް ދީފައެވެ.