ކޮވިޑް-19ގެ ކޭސްތަކެއް ފެނުމުގެ ސަބަބުން މޮނިޓަރިންގެ ހާލަތަށް ލާފައިވާ ޅ. ނައިފަރާއި ހުރާގައި އަޅާފައިވާ ފިޔަވަޅުތައް ފަސްދުވަހަށް އިތުރު ކުރަން ނިންމައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އެ ދެރަށުގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
އަތޮޅުތެރެއިން ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތަކެއް ފެންނަމުންދާއިރު އެންމެ ގިނައިން ކޮވިޑްގެ ކޭސްތައް ފެނިފައިވާ އެއް ރަށަކީ ހުރާ އެވެ. ހުރާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 162 އަށް އަރާފައެވެ.
އެރަށުގައި ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 22 ގައެވެ.
ނައިފަރުންވެސް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 165 އަށް އަރާފައެވެ.
ނައިފަރުން މިހާތަނަށް ތިން މީހުން ރަނގަޅުވެފައިވާއިރު އެކަކު ވަނީ މަރުވެސް ވެފައެވެ. ނައިފަރުން ކޭސްތައް އިތުރުވެ އެރަށުގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނީ މިދިޔަ މަހުގެ 23ގައެވެ.