ރ.މާކުރަތާއި އެ އަތޮޅު ހުޅުދުއްފާރު މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.
އުނގޫފާރު ކްލަސްޓާރއާއި ގުޅުންހުރި މާކުރަތުން ކޮވިޑަށް ޕޮޒިޓިވްވުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ހުސްވި މަހުގެ 30 ވަނަ ދުވަހުގައެވެ.
އުނގޫފާރަށް ދަތުރުކުރި މީހަކު ހުޅުދުއްފާރުން ކޮވިޑަށް ޕޮޒިޓިވްވުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ހުސްވި މަހުގެ 24 ވަނަ ދުވަހުގައެވެ.
މާކުރަތު މޮނިޓަރިންގެ ހާލަތުން ނެގީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވުމުންނެވެ. އެހެންކަމުން އެ ރަށުން ބަލަން ކަނޑައެޅި ކަންކަން ބެލިފައިވާ ކަމަށާއި، ހުޅުދުއްފާރުން ވެސް ބަލަން ކަނޑައެޅި ކަންކަން ބެލިފައިވާތީ ޢާންމު ހާލަތަށް ގެނެސްފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ދެ ރަށް މޮނިޓަރިންގެ ހާލަތުން ނަގައިފައިވާއިރު، އަލިފުށީގެ މޮނިޓަރިންގެ ހާލަތު ވެސް އުވައިލީ މިއަދުއެވެ. ހަމައެހެންމެ އުނގޫފާރާއި، މަޑުއްވަރި ވެސް މިހާރު ވަނީ ޢާންމު ހާލަތަށް ގެނެސްފައެވެ.