މިއަދުން ފެށިގެން އަވަށްޓެރި އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ 20 ސިޓީއެއްގައި ކާފިއު އެ ސްޓޭޓްގެ ސަރުކާރުން އިޢުލާން ކޮށްފިއެވެ.
އެ ސިޓީތަކުގައި ކާފިއު އިޢުލާން ކޮށްފައި ވަނީ ކޯވިޑް 19އަށް ފައްސިވާ ކޭސްތައް އިތުރުވަމުން ދިޔުމާއި ގުޅިގެންނެވެ.
ކާފިއު ހިންގަން ނިންމާ އެކަން އިޢުލާން ކޮށްފައިވަނީ ކަމާއިބެހޭ ފަރާތްތަކާއި އެކު ބޭއްވުނު ބައްދަލުވުންތަކަށް ފަހު ޗީފް މިނިސްޓަރު ވިޖޭ ރުޕާނީއެވެ. ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.
އެ ބައްދަލުވުމުގައި ނިންމާއި އިޢުލާން ކޮށްފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ރެއަކު ރޭގަނޑު 08:00 ން ފެށިގެން ހެނދުނު 06:00 އާއި ހަމަޔަށް ކާފިއު ކުރިއަށް ގެންދިއުމަށެވެ.
ގުޖުރާތުގެ ހައި ކޯޓުން މީގެ ކުރިން ވެސް ވަނީ ކޯވިޑްގެ ޙާލަތު ގޯސްވެ، ކޮންޓްރޯލުން ނެއްޓިދާނެކަމުގެ ބިރުހީވެފައި ވާތީ ކާފިއު ނުވަތަ ދެތިން ދުވަހުގެ ލޮކްޑައުންއަށް ދިޔުމަށް ސަރުކާރަށް ލަފާ އަރުވާފައެވެ.
އެކަމާއި ގުޅިގެން ސަރުކާރުން ވަނީ އާންމު އެއްވުންތަކާއި، ސިޔާސީ އެއްވުންތައް ބޭއްވުން މަނާކޮށް، ކައިވެނި ހަފްލާތަކަށް ވަދެވޭ މީހުންގެ އަދަދު ވެސް މަދު ކުރުމަށްއަންގާފައެވެ.