މާލޭ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދު ހުންނެވީ ޤާނޫނުގެ ބާރު ކަނޑުވައިލައްވައިގެންކަމަށް، މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ފަޒީން، ޝިފާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެެއެވެ.
ބައެއް ސަރުކާރުތަކުން އެ ސަރުކާރެއް ނާޤާބިލުކަމުން ލާމަރުކުޒާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވުމުން، މޭޔަރު ޝިފާ ކުރެއްވި ޓްވީޓެއްގައި ވަނީ ދުވަހަކު ވެސް ފޮތެއް ވިދާޅުވިންތޯ ސުވާލުކުރައްވައިފައެވެ.
ޝިފާގެ ޓްވީޓަށް ރައްދު ދެއްވަމުން ފަޒީން މިއަދު ވަނީ ލާމަރުކަޒީ ޤާނޫނު ވިދާޅުވިންތޯ ޝިފާއާއި ސުވާލުކުރައްވައިފައެވެ. އަދި އޭނާ ހުށަހެޅުއްވި އެތައް މައްސަލައެއް އެޖެންޑާ ނުކުރައްވައި ޝިފާ ހުންނެވީ ޤާނޫނުގެ ބާރު ކަނޑުވައިލައްވައިގެންކަމަށް ވެސް ފަޒީން ވިދާޅުވިއެވެ.
”ލާމަރުކަޒީ ޤާނޫނު ވިދާޅުވިންތޯ؟ މޭޔަރުގެ ޤާނޫނީ ވާޖިބު އަދާނުކުރައްވާ ހުންނަވާ ޑިސެމްބަރު 2020 އިން ފެށިގެން ރަސްމީ ޖަލްސާއެއް ނުބާއްވާ ހަތް ހަފްތާ ދޫކޮށްލާފައިވޭ. 7 ފެބްރުއަރީން ފެށިގެން އަޅުގަނޑު ހުށަހަޅާފައިވާ 11މައްސަލަ އެޖެންޑާ ކޮށްނުދީ ތިހުނެވީ ޤާނޫނުގެ ބާރު ކަނޑުވާލައިގެން“ ފަޒީންގެ ޓްވީޓުގައި ވެއެވެ.
ދާދިފަހުން ފަޒީން ވަނީ މޭޔަރު ޝިފާ މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން، ލޯކަލް ކައުންސިލު އިންތިޚާބުގައި ގަލޮޅު މެދު ދާއިރާއަށް ވާދަކުރައްވާ އެ ކަމަނާގެ ކޮއްކޮ މަރްޔަމް ރީހާން ނާޒިމް(ރީނު) ގެ ކެމްޕެއިނަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ތުހުމަތު ކުރައްވައިފައެވެ.