ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމް ލެގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު ހަނި ގޮތަކަށް، ސިޓީ އިން ކާމިޔާބު ކޮށްފިއެވެ.
ސިޓީއިން ރޭގެ މެޗު އަމިއްލަ ދަނޑުގައި ކުޅެ ކާމިޔާބު ކުރީ، 2-1 ގެ ނަތީޖާ އަކުންނެވެ.
މެޗުގައި ސިޓީއިން ފުރަތަމަ ގޯލު ޖެހީ މެޗުގެ 19 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެވިން ޑެބްރޮއިނާ އެވެ. އޭގެ ފަހުން ޑޯޓްމަންޑް އިން ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުނީ 1-0 އިން ސިޓީ ކުރީގައި އޮވެއެވެ.
މެޗުގެ ދެވަނަ ހާފު ސިޓީއިން ފެށީ ވަރުގަދަ ކޮށެވެ. އެހެން ނަމަވެސް ޑޯޓްމަންޑުގެ ޑިފެންޑަރުން ވަނީ ސިޓީގެ ހަމަލާތައް ހުއްޓުވާފައެވެ. މެޗުގެ 84 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ މާކޯ ރޮއިސް ވަނީ، އެޓީމަށް ލަނޑެއް ކާމިޔާބު ކޮށްދީ، މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ.
އެހެން ނަމަވެސް މެޗުގެ ފަހު މިނެޓު ތެރޭ ސިޓީގެ ގުންޑޮގާން ތަނަވަސްކޮށްދިން ހިތްގައިމު ފުރުސަތަކުން ސިޓީއަށް މެޗު ކާމިޔާބު ކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، ފޯޑެން އެވެ.
މި މެޗުން ސިޓީ މޮޅުވި ނަމަވެސް، ޑޯޓްމަންޑަށް ސެމީ ފައިނަލްގެ އުންމީދު އަދި ނުގެއްލޭ އެވެ. ހާއްސަކޮށް ސިޓީގެ ދަނޑުގައި އެ ޓީމަށް ލަނޑެއް ކާމިޔާބުކުރެވުމަކީ ދެވަނަ ލެގަށް ކުރިމަތިލާއިރު އެ ޓީމަށް ލިބޭ ހިތްހަމަޖެހުމެކެވެ.