ކުރިއަށް އޮތް ރޯދަ މަހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްތައް ފޯރުކޮށްދޭ ގަޑިތައް އާންމުކޮށްފިއެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހުގައިވެސް، އެހެން މަސްތަކަށްވުރެ ތަފާތު ގަޑިތަކުގައި އެކި ހިދުމަތްތައް ކުންފުނިންނާއި ސަރުކާރުގެ މުއައްސަސާތަކުން ފޯރުކޮށްދޭނެއެވެ. އެއީ ރޯދަ މަހުގައި އަޅުކަންތަކަށް އިސްކަމެއް ދިނުމާއި މަސައްކަތްތަކަށް ލުޔެއް ދިނުމަށެވެ.
ބީއެމްއެލް އިން ބުނެފައިވަނީ އެތަނުން ހިދުމަތް ދޭނީ ހެނދުނު 09:30 އިން ފެށީގެން 12:45ގެ ނިޔަލަށް ކަމަށެވެ. އަދި ކޮންމެ ހުކުރާއި ހޮނިހިރެއް ފިޔަވާ އެހެން ހުރިހާ ދުވަހެއްގައިވެސް ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އެހެންނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.
ބީއެމްއެލް އިން އިތުރަށް ބުނެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް ލިބޭނެ ކަމަށެވެ.
ބީއެމްއެލް އިން ބުނެފައިވަނީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަން ބީއެމްއެލް އިން ޗެކް ޕްރޮސެސްކުރާނީ ހެނދުނު 11:00ގެ ކުރީން ލިބޭ ހުށަހެޅުންތައް އެ ދުވަހެއްގައި ކަމަށެވެ.
އަދި އެހެން ބޭންކްތަކުގެ ޗެކް ޕްރޮސެސްކުރާނީ އެދުވަހެއްގެ 10:00ގެ ކުރީން ފޮނުވާ ޗެކްތައް އެދުވަހެއްގައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.