އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ދިރިއުޅުއްވާ ގެ ޢިމާރާތްކުރެއްވި ގޮތުގެ ވާހަކަ ވިދާޅުވެދެއްވައިިފއެވެ.
ޑރ.މުޢިއްޒު އެ ވާހަކަތައް ވިދާޅުވެދެއްވީ ސަންގު ޓީވީން ވަގުތުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުންނެވެ.
ޑރ.މުޢިއްޒުގެ ގެ ބިނާކުރީ ދަރުމަވަންތަ ހޮސްޕިޓްލު މަޝްރޫޢުގެ ފައިސާއިން ވައްކަންކުރައްވައިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އެކަމުގެ ޙަޤީޤަތަކީ ކޮބައިތޯ މީހަކު ވަނީ ސުވާލު ދަންނަވައިފައެވެ.
ޕްރޮގުރާމުގައި ކުރެވުނު މި ސުވާލަށް ދެއްވި ޖަވާބުގައި ޑރ.މުޢިއްޒު ވިދާޅުވީ މިހާރު ދިރިއުޅުއްވަމުން ގެންދަވާ މ.ދިމްޔާތު ހުންނަ ގޯއްޗަކީ އޭނާގެ ބައްޕަގެ ގޯއްޗެއް ކަމަށެވެ. ހަމައެހެންމެ ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީ އޭނާ ކަމަށާއި، ބައްޕަ ނިޔާވުމުން އެ ގޯއްޗާއި ގެ ލިބިވަޑައިގެންނެވި ކަމަށެވެ. އެ ގެއަކީ 1990 ވަނަ އަހަރުން ފެށިގެން ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަމުން އައި ގެއެއް ކަމަށާއި، އަތޮޅުތަކުގެ ރަށްރަށުގެ ފަރާތްތަކަށާއި، މާލޭގެ މީހުންނަށް އެކަން އެނގޭނެކަމަށް ވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން އެ ގެއިން ޒަމާނުއްސުރެ އާމްދަނީ ލިބެމުންދިޔަ ކަމަށާއި، އެ ތަނުގައި ހަދާފައިވާ ”ދިމްޔާތު ސްޓޭ“ އަކީ އޭރު ލިބިފައިހުރި ފައިސާއާއި، ސިވިލް އިންޖިނިއަރެއްގެ ވަޒީފާ އަދާކުރައްވައިގެން ލިބިވަޑައިގަތް ފައިސާއާއި، އިސްލާާމިކް ބޭންކުން ނެންގެވި ލޯނަކުން އެޅި ޢިމާރާތެއްކަމަށް ވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އަދި އެހެން މީހުން ވެސް ގެ ޢިމާރާތްކޮށް ހަދަނީ ލޯނު ނަގައިގެން ނޫނީ ދިގު މުއްދަތަކަށް ކުއްޔަށްދީގެންކަމަށް ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޑރ.މުޢިއްޒު ވިދާޅުވީ މިއީ ވަރަށް ވެސް ފަސޭހައިން ހޯދައިލެވޭނެ މަޢުލޫމާތު ކަމަށާއި، އިސްލާމިކް ބޭންކު މެދުވެރިކޮށް ބަލައިލެވޭނެ ކަމަށެވެ. އަދި ހައުސިންގ މިނިސްޓަރުކަމުގައި 06 އަހަރާއި 09 މަސްވަންދެން ހުންނެވިއިރު މިނިސްޓްރީ މެދުވެރިކޮށް 12 ބިލިއަން ރުފިޔާގެ މަޝްރޫޢު ހިންގައިފައިވާނެ ކަމަށެވެ. އެކަމަކު އެއިން އެއްވެސް މަޝްރޫޢުއަކުން ދުވަހަކު ވެސް ނާޖާއިޒު ފައިދާއެއް ނުނަންގަވާކަމަށް ވެސް ޑރ.މުޢިއްޒު ވަނީ ވިދާޅުވެފައެވެ.