އަށާރަ ވަނަ ބައި
ގާތްގަޑަކަށް ފަނަރަ ވަރަކަށް މިނިޓް ހިނގުމަށްފަހު އަޔާޒު ކެފޭއަކަށް ވަނުމުން އިފާވެސް އަޔާޒާއެކީ ވަދެއްޖެއެވެ. އެތާ ތިބި އެތައްބައެއްގެ ލޯ އެދެމީހުންނަށް ހުއްޓެމުންދާކަން އެނގުމުން އިފާ ހުރީ ލަދުން މަރުވާވަރުވެފައެވެ. މި އައުން ނާދެވުނު ނަމައޭ އެތައް ފަހަރަކު އިފާ ހިތަށް އެރިއެވެ. މީހުންގެ ނަޒަރުން ސަލާމަތްވާން އިފާއަށް އިތުރަށް ގާތް ވެވުނީ އަޔާޒާއެވެ. އަޔާޒު ވެސް އިފާގެ ފަހަތުން އެއް އަތް ގެންގޮސް އިފާގެ ކޮނޑުމަތީ މަޑުމަޑުން ހިފަހައްޓައިލިއެވެ. އެކަމުން ލަދު ގަތަސް އަދި ނޫނެކޭ ބުނެ ދުރުވާން ބޭނުންވިޔަސް އިފާއަށް ލިބުނީ ރައްކާތެރިކަމެވެ.
ތަންކޮޅެއް މީހުން މަދު އަލި ދެރަ ހިސާބެއްގައި ހުރި މޭޒެއްގައި އިފާ ގޮވައިގެން ގޮސް އަޔާޒު އިށީނެވެ.
އަޔާޒު އިށީނުމުން އިފާއަށް ވެސް ޖެހުނީ އިށީންނާށެވެ.
”ކޮފީ ބޯނަން؟“ ވެއިޓަރ އައުމުގެ ކުރިން އަޔާޒު އިފާ ގާތު އެއްސެވެ. އިފާ ބޯހޫރައިލިއެވެ.
”އަހަރެން ބުނީމެއްނު އަހަންނަށް ވަގުތުކޮޅެއް ދޭށޭ! މިރޭ އަހަންނަށް ފިލައިގެންތަ ތި އުޅެނީ!“
އަނގައިން ނުބުނެ އިރުކޮޅަކު އިނުމަށްފަހު ވެއިޓަރ އޯޑަރ ނަގައިގެން ދިއުމުން އަޔާޒު ސުވާލުކުރިއެވެ.
”ތިހެން އަހަންނަށް އުޅެވޭނެ ނަމަ! ތި ސިފައިން އަހަރެންގެ އެއްވެސް ޙިއްސަކަށް އަސަރު ނުކުރާނަމަ!“
ބުނަން ބޭނުންވި ވާހަކަ އޮތީ އިފާގެ ހިތުގައެވެ. ދުލަކަށް ނުގެނެވުނެވެ.
އިފާގެ ޖަވާބެއް ނުލިބި ވަގުތު ދިގުވަމުން ދިޔަވަރަކަށް ދެމީހުންދޭތެރޭ އޮތް ހަމަހިމޭންކަމުން ދެމީހުންނަށް ވެސް އުދަނގޫ ވަމުން ދިޔައެވެ. އެ އުދަނގުލުން ސަލަމާތް ވުމަށާއެކު މިރޭ މި ލިބުނު ރަނުގެ ފުރުސަތު ނަގާލަން ބޭނުން ނުވާތީ އަޔާޒު ގަސްދުކުރީ ލޯ މަރާލާފަ ނަމަވެސް ވާހަކަ ފަށާށެވެ.
”އިފާ! އަހަރެމެންގެ މުޖުތަމަޢުތެރޭ މިހާރު ވަރަށް ބޮޑަށް ފެތުރެމުން އަންނަކަމެއްނު ދެއަނތްބަށް މީހުނާ އިނުމަކީ! ތީ ޒަމާނީ ކުއްޖެއްނު. ޒަމާނީ ކުދިންގެ ހުންނާނީ ވެސް ޒަމާނީ ވިސްނުމެންނު! އަޅެ ކޮބާތަ އިފާގެ ޚިޔާލަކީ!“
އިފާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. އެދެ ލޮލުން ހެކި ދެނީ އަޔާޒު ދެއްކި ވާހަކައިން އިފާއަށް ލިބުނު ޙައިރާން ކަމެވެ.
”ނެތީތަ ޖަވާބެއް؟“
އިފާ އެއްވެސް އެއްޗެއް ނުބުނުމުން އަނެއްކާވެސް އަޔާޒު އިފާގެ ވިސްނުން ހުރިގޮތެއް އެނގެން ބޭނުންވާތީ ސުވާލުކޮށްލިއެވެ.
ޖަވާބުގައި ލަދުރަކި ގޮތަކަށް އިފާއަށް ހީނލެވުނީއެވެ.
”އޯކޭ! މިހިސާބުން ދެން ޖަވާބެއް ދޭނީ އަހަރެންގެ ހުއްދަ ލިބުނީމަ!“
އަޔާޒު ހީވަނީ އިފާ އަކީ އަޔާޒުގެ އަމުރުގެ ދަށުގައިވާ އަޔާޒުގެ ނޯކަރަކަށް އަމުރުކުރަނީ ހެންނެވެ. އެކަމަކު ސިކުންތުކޮޅެއް ދިގުދެމިގެން ދިޔައިރު ވެސް އަޔާޒު އަނގައަކުން ނުބުނެއެވެ. އިފާ އިނީ ހިތާ ހިތުން އަޔާޒުގެ އަމުރު ނުލިބެނީސް އަނގައިން ނުބުނަން ހުވާކޮށްގެންނެވެ.
ދެން ފެނުނީ އަޔާޒުގެ ދެއަތް ކުރިއަށް ދަމާލާ މޭޒުމަތީ ބާއްވައިގެން އިން އިފާގެ ދެއަތުގައި ހިފާ ގަޔާ ކައިރިއަށް ދަމައިލިތަނެވެ. އަދި އެ ދެ އަތްތިލަ އެއްކޮށްލައި ބާރަކަށް ހިފަހައްޓައިލިތަނެވެ. އިފާގެ ނޭވާ ތާށިވި ވެގެން އައެވެ. އެއަށްވުރެ ބޮޑަށް އިފާގެ ނޭވާ ހާސްވީ އަޔާޒު ކުރި ސުވާލުންނެވެ.
”އަހަރެން ބޭނުން އިފާއާ އިންނަން ! ދެ އަނބަތް! ………. އަހަރެން އިފާ ބޭނުން! ވީ އެންމެ އަވަހަކަށް އިފާ އަހަރެންގެ މީހަކަށް ހަދަން……. އިފާ އާނބަސް ބުނެފިއްޔާ މާދަމާ ވެސް މިކަން ކޮށް ނިންމާލަން އަހަރެން ބޭނުން!…….. އަހަރެންގެ މި ހުށަހެޅުން އިފާ ގަބޫލުނުކުރިއަސް އަހަރެން ބަލާނ އިފާއަކީ އަހަރެންގެ ވަރަށް …. ވަރަށް ޚާއްސަ މީހެއްގެ ގޮތުގައި! އަހަންނެއް ނުބުނާނަން، އަހަރެން އިފާ ދެކެ ލޯބި ވަމެކޭ! އެކަމަކު އަހަންނަށް ބުނަން ކެރިދާނެ އަހަންނަށް އިފާ ވަރަށް ކަމުދެޔޭ! އިފާއާ އެކު ވާން އެދެވެޔޭ!“
ނޭވާއަކަށް އަޔާޒު ހުއްޓައިލިއެވެ. އަދި އިފާ އަތުން ދޫ ވެސް ކޮށްލިއެވެ. އަތުގެ ނުފުށުގައި ފިރުމައިލަމުންނެވެ.
”އަދި އެއްވާހަކަ! އިފާއަކީ މާލޭގައި ގެދޮރު ހުރި ތަނަވަސް ކުއްޖަކަށް ވާތީ އަހަރެން އިފާއާ އިންނަން ބޭނުންވީއޭ އެއްފަހަރުވެސް ހިތަށް ނޭރުވުން އެދެން. އިރާދަ ކުރެއްވިއްޔާ އަހަރެން މީ އެހާ އަމިއްލަ އެދުން ބޮޑުމީހެއް ނޫންކަން އިފާއަށް ސާބިތުކޮށްދޭނަން……… އެ ފުރުސަތު ލިބިއްޖެއްޔާ! އަދި އަހަރެންގެ އަނތްބަކަށް ވުމަކުން އިފާ ހިތާމަ ކުރާކަށް ވެސް ނުޖެހޭނެ! އެ ކަން އިފާއަށް އަހަރެން ސާބިތު ކޮށްދޭންނަން!“
އަޔާޒުގެ ވާހަކަ ނިންމައިލިއެވެ. އެއަށްފަހު ދެން އެ ދެމީހުންގެ ދޭތެރެއަށް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ. ކޮންމެ މީހަކަށްވެސް އިވެނީ އެމީހެއްގެ ހިތުގެ އަޑެވެ. ވަށައިގެން ވާ މާހައުލުގައި ހިނގާ އެއްވެސް ކަމެއްގެ ހިލަން ވެސް އެދެމީހުންނަށް ނުވާފަދައެވެ.
އަޔާޒު ކޮފީތަށި ބޮއެ ނިމެންދެން އިފާ އިނީ މަޑުންނެވެ. ވެއިޓަރ ބިލް ގެނައުމުން އަޔާޒަށްވުރެ ކުރިން އެ ބިލުގައި ހިފީ އިފާއެވެ. ދަބަހުން ފައިސާ ނަގާ ބިލް ދެއްކުމަށް ފަހު އިފާ ތައްޓަށް އެޅި ފެންފޮދުން ދެތިން ކޯވަރު ދަމައިލިއެވެ. އަދި ކޮޅަށް ތެދުވުމުން އިފާ ދާން ބޭނުންވީކަން އަޔާޒަށް އެނގުމުން އަޔާޒު ވެސް ތެދު ވެއްޖެއެވެ.
ދެމީހުން ވެސް ހިނގަމުން ދިޔައީ އަނގައިން ބުނުމެއް ނެތިއެވެ. ބުނާނެ ކިތަންމެ ވާހަކައެއް ހިއްސާކުރާނެ ކިތަންމެ ޚިޔާލެއް ކޮންމެ މީހެއްގެ ފިކުރުގައި ވެސް އެނބުރެމުން އެބަ ދިޔައެވެ. އެހެންނަމަވެސް ދެން އަޔާޒު ވާހަކަ ދައްކާނީ އިފާގެ ޖަވާބެއް ލިބުނީމައެވެ.
ގޭގެ ގޭޓުން ވަންނަމުން އަނެއްކާވެސް އަޔާޒު ހިފީ އިފާގެ އަތުގައެވެ. އެއީ މި ފަހަރު އިފާގެ ސަމާލުކަން އަތުލުމަށް ކުރި ކަމެކެވެ.
”ނުނިދާ މަޑުކުރައްޗޭ! އަހަރެން ގުޅާނަން!“
އިފާގެ އަތުން އަޔާޒު ދޫކޮށްލިއެވެ.
ކޮޓަރިއަށް ވަދެވުމާއެކު އިފާއަށް ހުރިތަނަށް ތިރިވެވުނީއެވެ. ތަޤުދީރު މިކުޅެނީ ކޮންކަހަލަ ކުޅިވަރެއް ހެއްޔެވެ! އިފާ އެންމެ ލޯބިވާ މީހާ، އެމީހާއަށްޓަކައި އެތައް އަހަރަކުއްސުރެ ހަމަ ޖެހިފައިވާ ކައިވެނި އިފާ ދޫކޮށްލި މީހާ، އެމީހަކަށްޓަކައި އިފާގެ އެންމެ ޒުވާން އުމުރުން ތިން އަހަރު ބޭކާރުކޮށްލި މީހާ، އެމީހާ ދެކެ ލޯބި ވުމުގައި ރެޔާ ދުވާލު ކުލަ ޖެހުމެއް ނެތް ހުވަފެން ތަކެއް ދެކެމުންދާ މީހާ މިއަދު ކުއްލިއަކަށް ހަމަ ކުއްލިއަކަށް އިފާ ގާތުން ކައިވެއްޏަށް އެދުނީމާ….. އިފާއަކަށް ވާނުވާއެއް ނޭނގުނެވެ. މިއީ އަރަތެއް ހެއްޔެވެ! ނޫނީ އިއްތިފާގެއް ހެއްޔެވެ!
އިންތާ އިރުކޮޅަކު އިނުމަށްފަހު އިފާ ވަނީ ފާޚާނާއަށެވެ. ފާޚާނާއިން ނިކުމެ ހެދުން ބަދަލުކޮށްގެން އެނދަށް އަރާ ވިސްނާލަން އިރުކޮޅަކު އޮތެވެ. އޭރު ޝައިބާ އާއި އިއްޒަ އާ ދެމައިން ފެނުނީ ނިދިފައި ތިބިތަނެވެ. ނިތްކުރިމަތީ ކަނާތް ބާއްވާލައިގެން އިފާއަށް އޮވެވުނީ އިރުކޮޅަކުއެވެ. ދެން އަރިވެލާފަ ހެޑްބޯޑް މަތީ އޮތް އިފާގެ ފޯނު ނަގައިގެން އޭގެ ސްކްރީނަށް ބަލަން އިރުކޮޅަކު އޮތެވެ. އަދި ދެން ފޯނު ފްލައިޓްމޯޑަށް ލުމަށްފަހު އަލުން ބޭއްވީއެވެ.
އަޔާޒު ބުނި އެއްޗަކާ މެދު ވިސްނާ ފިކުރު ހިންގަން ވަރަށް ގިނަ އިރު ނުނިދިފައި އިފާ އޮތެވެ. އަޔާޒު ބުނިހެން ދިރިއުޅުމުން އެތައް އަހަރެން ބޭކާރު ކުރެވިއްޖެއެވެ. ދަރިން ހޯދާ ދުނިޔެއަށް އައި ޙަޤީގީ މަޤުސަދު ހާސިލް ކުރުމަށް މަސައްކަތް ކުރާއިރު ޢާއިލާއެއް އޮތުން ވަރަށް މުހިންމެވެ. ދުނިޔެއިން ދާއިރު ދުނިޔެއަށް ދަރި ފަސްކޮޅެއް ދޫކޮށްފަ ދާން އިފާ ވެސް ނިހާޔަތަށް ބޭނުމެވެ. އަމިއްލަ އުނގުގައި އަމިއްލަދަރިން ގެންގުޅެ ބޮޑުކުރުމަކީ އިފާގެ ކުޑާއިރުއްސުރެ ހުވަފެނެކެވެ. އެ ހުވަފެން ހަޤީގަތަކަށް ހަދަން އިފާ ޢަޒުމު ކަނޑައެޅީ ލޯބިވާ ފިރިއަކާއެކުގައެވެ.
ޚިޔާލާ ފިކުރުގެ ކަނޑަކަށް ގެނބިފައި އޮތް އިފާއަށް ނިދުނު އިރެއް ނޭނގެއެވެ. އެކަމަކު ވަރަށް އަވަހަށް ހޭލެވިއްޖެއެވެ. އޭރު ގަޑިން ކިރިޔާ ހަތަރެއް ޖެހީއެވެ. ދެން އިތުރަކަށް ނުނިދޭނެއެވެ. އެހެންވީމަ ކުރާނެ ކަމަކާ މެދު ވިސްނާލަން އިފާ އިރުކޮޅަކު އޮތެވެ. ދެން ތެދުވެ ވުޟޫކޮށްލައިގެން ދަމު ނަމާދު ކުރިއެވެ. ވަރަށް ގިނައިރު އަމިއްލަ ޙަޔާތާމެދު ވިސްނާ ރަނގަޅު ގޮތް ވުން އެދި ދެއަތް ނަގާ ދުޢާ ކުރުމުގައި ވަގުތު ހޭދަ ކުރިއެވެ. އެއިން ކޮންމެ ފަހަރަކު އިފާގެ ޚިޔާލީ ދުރުމީއަށް އަންނަނީ ދިރިއުޅުން ވަކި މީހަކާ އެކު ހޭދަ ކުރާ މަންޒަރެވެ. އިންތާ އެހެން، ނަމާދު ކުރުމުގައި އިން އިފާ، އެގަޑީގައި އެންމެ ފަހު ނަމާދަކަށް ކުރީ ފަތިސްނަމާދެވެ.
މުސައްލަ ފަށްޖަހާލާ އަލަމާރިތެރެއަށް މުސައްލަ ލުމަށްފަހު އިފާ ހިނގައިގަތީ ބޭރަށެވެ. ބޭނުމަކީ ކޮފީއެއް ބޯލުމެވެ.
ކޮޓަރީގެ ދޮރު ހުވުމުގެ ކުރިން ބަޔަކު ވާހަކަ ދައްކާއަޑު އިފާއަށް އިވެން ފެށުމުން ޙައިރާންވިއެވެ. މަޑުމަޑުން ދޮރު ހުޅުވައިލިއިރު ސިޓިން ރޫމުގެ ފަނޑުއަލީގެ ތެރެއިން އިފާއަށް ފެނުނީ މި ދުނިޔެމަތީގައިވާ އިފާ އެންމެ ލޯބިވާ ދެފިރިހެނުންނެވެ.
ކުޑަކޮށް ފަހަތަށް ޖެހި އަނބުރާ ކޮޓަރިއަށް ވަންނަން އިފާ އުޅުނު ވަގުތު އިވުނީ ބައްޕަ ގޮވައިލިއަޑެވެ.
”އާދެބަލަ ދަރިފުޅާ! ކޮންކަމަކާ ތި އުޅެނީ! އަޔާޒަށް ކޮފީއެއް ހަދައިދީބަލަ!“
އިފާގެ ދެފައި ފިނިވެގެން ދިޔައެވެ. އަޔާޒުގެ ކުރިމައްޗަށް ދާން ޖެހުމުން އިފާ ހުރީ ކަންބޮޑުވެފައެވެ. އެހެންނަމަވެސް ފެން ހޫނުކުރަން ޖެއްސުމަށްފަހު ބައްޕައާ ދިމާއަށް އެނބުރިލީ ބައްޕަ ކޮފީއެއް ބޭނުންތޯ އަހަންވެގެންނެވެ. ބައްޕައާ ހަމައަށް އެ ނަޒަރު ދަތުރުކުރުމުގެ ކުރިން އިފާގެ ނަޒަރު ބައްދަލުވީ އަޔާޒުގެ ލޮލާއެވެ. އަޔާޒު ބަލަން އިން ގޮތުން އިފާގެ މެއަށް ފިނިވެގެން ދިޔައެވެ. އިސް ޖަހާލަމުން އެހީ ބައްޕަ ކޮފީއެއް ބޭނުންތޯއެވެ.
”ނޫނޭ، ބައްޕަ ނުބޯނަން!“
ބައްޕަގެ ޖަވާބާ އެކު އިފާ ނެގި ތިންތަށިން އެއްތަށި އަލުން ކަބަޑަށްލިއެވެ. ދެ ތަށި ކޮފީ ހަދައިގެން އައިސް އަޔާޒަށް އެއްތަށި ދިއްކޮށްލުމަށްފަހު އަނެއްތަށި ހިފައިގެން އިފާ އިށީނީ ބައްޕަ ގާތުގައެވެ.
”ބައްޕަ މިރޭ މިސްކިތަށް ނުދާ ރެއެއްތަ!“
”ދަރިފުޅު ހާދަ ވަރަކަށް ނިދި ރެއެކޭ!“
އިފާގެ ބައްޕަ ބުނި އެއްޗަކުން އިފާ ބަލައިލީ ބައްޕަގެ މޫނަށެވެ.
”މިރޭ ކުޑަކޮށް ވާރޭ ވެހުނީމަ ނުދިޔައީ!“
ދަރިފުޅުގެ ލޮލުން ފެނުނު ޙައިރާންކަން ފިލުވާލުމަށް އިފާގެ ބައްޕަ އޮޅުން ފިލުވައިދިނެވެ.
”ދެކުދިން ކޮފީ ބޯލާ!“
ބައްޕަ ތެދުވަމުން ބުނެލީ އިފާގެ ބޮލުގައި ފިރުމަމުންނެވެ.
އަޔާޒު އިނީ އިފާގެ ބައްޕަ ގޮސް ކޮޓަރިއަށް ވަންނަން ދެނެވެ.
“ ބައްޕަ އެބުނީ ތެދެއްތަ!“
އިފާ ބަލައިލީ އަޔާޒު ބުނި އެއްޗެއް މޭރުން ނުވުމުންނެވެ. އެހެންނަމަވެސް އަޔާޒާ ސުވާލުކުރާކަށް އިފާއަކަށް ނުކެރުނެވެ. އަޔާޒު އިނީ ސީދާ އިފާއަށް ބަލަހައްޓައިގެން ކަމުންނެވެ. އެ ބެލުމުން އުދަނގޫ ވެގެން އިފާ ތެދުވެގެން ހިގައިގަތީ ދެތިން ކޯވަރު ބޮއެފައި ހުރި ކޮފީތަށި ވެސް ހިފައިގެންނެވެ.
”އިފާ!“ އަޔާޒުގެ އަޑަށް އިފާ މަޑުކޮށްލިއެވެ. އެހެންނަމަވެސް އެނބުރި ބަލައެއް ނުލައެވެ.
”އަހަރެން އެހީ އިފާ ހަމަ އެހާ ވަރަށް ނިދީމަހޭ ރޭ ވާރޭ ވެހުނުކަން ނޭނގުނީ!… އެތައް ފަހަރަކު އަހަރެން އިފާއަށް ގުޅިން! ފޯނު ވެސް ނިއްވާލަފަ އޮތީ!“
(ނުނިމޭ)