މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ، އެއްވެސް މުއާމަލާތެއް ނުކުރާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 5،600 އެކައުންޓެއް ބަންދުކުރުކުރުމަށް ސިޓީ ފޮނުވައިފި އެވެ.
ދިވެހިރާއްޖޭގެ ބޭންކިން ގާނޫނުގައި ބުނާގޮތުން ވިދިވިދިގެން ފަސް އަހަރު ވަންދެއް، އެކައުންޓުގެ ވެރިފަރާތުން އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ ނަމަ އެކައުންޓު ޑޯމަންޓް ވާނެއެވެ.
އެގޮތުން ޑޯމަންޓް އެކައުންޓްތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ 5،600 އެކައުންޓެއްގެ ވެރިފަރާތަކަށް އެކަމާ ގުޅޭ ސިޓީ ވަނީ މިހާރު ފޮނުވާފައި ކަމަށް އެމްއައިބީއިން ބުނެއެވެ.
ގާނޫނުގައި ބުނާގޮތުން އެ ފަރާތްތަކަށް ސިޓީ ފޮނުވުމަށްފަހު އެ މައުލޫމާތު އާންމުކުރެވޭނެއެވެ. އެއަށްފަހު އިއުލާނުކުރާތާ 60 ދުވަސް ހަމަވުމުން އެ ފަރާތްތަކުންގެ އެއްވެސް ޖަވާބެއް ނުލިބިއްޖެނަމަ އެ ފަރާތްތަކުގެ އެކައުންޓުގައި ފައިސާއެއް ވާނަމަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އެ ފައިސާތައް ދާނެއެވެ. އަދި އެއަށްފަހު އެކައުންޓް ބަންދުކުރާނެ ކަމަށްވެސް ގާނޫނުގައި ބުނެއެވެ.
އެހެންކަމުން ޑޯމަންޓް އެކައުންޓްތައް އެކްޓިވޭޓްކުރުމަށް އެމްއައިބީއިން ވަނީ އެދިފައެވެ. އެކްޓިވޭޓްކުރުމަށް ކަސްޓަމާ މައުލޫމާތު ފުރުމަށްފަހު ބޭންކަށް ހުށަހެޅުމަށްވެސް އެމްއައިބީއިން ވަނީ އެދިފައެވެ.
އެމްއައިބީއިން ބުނެފައިވަނީ ޖޫން މަހުގެ ހަތަރެއްގެ ކުރީން އެކައުންޓް އެކްޓިވޭޓްކޮށްފައި ނުވާނަމަ އެ އެކައުންޓް ބަންދުކުރާނެ ކަމަށެވެ.