ދައުލަތުގެ ހުއްދަ އާއި އެކު ރާއްޖެއިން ބޭރަށް ފުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ދިރިއުޅޭ ތަނެއް ހޯދިފައި ނުވާކަމަށް، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ، އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައި ވަނިކޮށެވެ.
އެމައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓިނަމަވެސް ދިމާވި ސިއްހީ މައްސަލައަ އަކާއި ގުޅިގެން ބޭސްފަރުވާއަށް ދިއުމަށް އޭނާ އެދުމުން ކުރިމިނަލް ކޯޓުން ވަނީ، ދައުލަތުގެ އިއުތިރާޒެއް އެކަމަށް ނެތުމުން، ޕާސްޕޯޓު ދޫކޮށްލާފައެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކުރުމަށް ކުރި އަމުރު،ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔަރުން ވިދާޅުވީ އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެސް ނޭނގޭތީ ކޯޓަށް ހާޒިރުވުމުގެ ޗިޓް ރައްދު ކުރެވިފައި ނުވާކަމަށެވެ.
އެކަމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވަނީ، ދައުލަތުން 1 ދުވަހުގެ ތެރޭގައި އަލީ ވަހީދު އުޅޭ އެޑްރެސް ހޯދުމަށްފަހު، ކޯޓަށް ހުށައެޅުމަށެވެ. އެހެން ނަމަވެސް މިއަދު މެންދުރު 14:00 އާއި ހަމަ އަށްވެސް ދައުލަތުން އޭނާ ދިރިއުޅޭ ތަން ހޯދިފައި ނުވެއެވެ. މިކަމާއި ގުޅިގެން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، އަލީވަހީދު އުޅޭ އެޑްރެސް ހޯދުމަށް ފުލުހުންނަށް ހުށައެޅުނު ކަމަށާއި، އެހެން ނަމަވެސް ފުލުހުންނަށްވެސް އޭނާ ދިރިއުޅޭ ތަން ނޭނގޭ ކަމަށް ބުނުމުން، އެކަން ކޯޓަށް އަންގާފައި ވާނެ ކަމަށެވެ.
ޖިންސީ ގޯނާގެ 7 ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ، ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. ހަމަ އެދުވަހު އަލީ ވަހީދު ވަނީ، އިނގިރޭސި ވިލާތަށް ފުރާފައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލާފައި ވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށް ކަމަށް މީގެ ކުރިން ޕީޖީން ވަނީ ހާމަކޮށްފައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން ނެރުނު އަމުރު ނެރުނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޖާމިނުވާނެ (ޒިންމާ އުފުލާނެ) ފަރާތެއް ހުށަހެޅުމުން ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރި މައްސަލާގައި އަޑުބަރޭ ޒިންމާ ނަގާފައި ވަނީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރަން ޖެހޭ ދުވަހު ކޯޓަށް އޭނާ ހާޒިރު ކޮށްދޭނެ ކަމަށެވެ. އަދި އަލީ ވަހީދު ހަތަރު މަސް ފަހުން އެނބުރި ރާއްޖެ އަންނާނެ ކަމަށް ވެސް އަޑުބަރޭ ވިދާޅުވެފައި ވެއެވެ.
އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަލީ އަށް އަންނާނެ އެވެ.