ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ފްލެޓުތަކުގެ ގުރުއަތުނެގުން މި ހަފުތާގެ ބުރާސްފަތި ދުވަހުގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ 6720 ފްލެޓު ލިބިފައިވާ ފަރާތްތަކަށް ލިބެނީ ކޮން ފުލެޓެެއްކަން ކަނޑައެޅުމަށްޓަކައި، ފުލެޓު ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލައި، އެ ފަރާތްތަކަށް ލިބޭ ފުލެޓު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ގޮތުން މި މަހުގެ 08 ވާ ބުރާސްފަތި ދުވަހު ގުރުއަތުނެގުމަށް ހަމަޖެހިފައިވާ ކަމަށާއި، އެންމެ ފުރަތަމަ ގުރުއަތު ނަގާނީ އެޗް 10(ޚާއްސަ އެހީއަށް ބޭނުންވާ މީހުން) ގެ ކެޓަގަރީ ކަމަށް އެޗްޑީސީން ބުންޏެވެ.
ގުރުއަތު ނަގާނީ މި ކެޓަގަރީން ފްލެޓު ލިބުނުކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓުތަކުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑު ނަންބަރު ތަރުތީބުން ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ގުރުއަތު ނަގާނީ ފްލެޓް ނަންބަރު ކަރުދާސްކޮޅުތަކެއްގައި ފޮށްޓަކަށް އެޅުމަށްފަހު ކަނޑައަޅާފައިވާ ލިސްޓުތަކުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑު ނަންބަރު ތަރުތީބުން ކަމަށެވެ.
އެޗްޑީސީން އިތުރަށް ބުނީ ގުރުއަތުނަގާ މަންޒަރު ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ލައިވްކޮށް ދައްކާނެ ކަމަށާއި, މީޑިއާގެ އެހެނިހެން ވަސީލަތްތަކުން ލައިވް މަންޒަރު ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ހަމައެހެންމެ ގުރުއަތު ނަގާއިރު ނެގުނު ފުލެޓާއި، ފަންގިފިލާއާއި ޓަވަރު އެނގޭ ގޮތަށް ސްކްރީނުން ފެންނާނެކަމަށާއި، އޭގެ އިތުރުން ފްލެޓު ލިބުނު ފަރާތުން ދީފައިވާ ނަންބަރަށް މެސެޖެއް ލިބޭނެކަމަށެވެ. އެ މެސެޖުގައި ނެގުނު ފުލެޓާއި، ފަންގިފިލާއާއި، ޓަވަރު ހިމެނޭނެ ކަމަށާއި، އޭގައިވާ ލިންކަށް ކްލިކް ކޮށްލުމުން ގުރުއަތުނެގުނު ފުލެޓްގެ އިތުރު މަޢުލޫމާތު ފެންނާނެ ކަމަށެވެ. އަދި ގުރުއަތަށްފަހު ލިބުނު ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، ފުލެޓުގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީޚެއް ފަހުން އިއުލާނުކުރާނެކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.