މާލޭގައި ހުންނަ ”މަސްޖިދުއް ޛިކުރާ“ މިސްކިތް ހުރި ބިން ސާފުކުރުމުގެ މަސައްކަތްތައް ކުރަމުންދަނިކޮށް މިނިކަށިތަކެއް ފެނިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތުގެ ގޯތިތެރެއިން މިނިކަށިތަކެއް ފެނުނީ އިއްޔެ ކަމަށެވެ.
އެ މިސްކިތުގެ ގޯތިތެރެ ސާފުކުރަމުން އަންނަނީ ވަގުތީ މިސްކިތެއް އެޅުމަށެވެ. އެ ތަނުން މިނިކަށިތަކެއް ފެނިފައިވާއިރު މިސްކިތެއްް އަޅަން އުޅޭތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ ވަގުތީ މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
ޒިކުރާ މިސްކިތް ތަޅައިލީ އެ ތަނުގައި އޮފީސްް ޢިމާރާތަކާއެކު 10 ބުރީގެ މިސްކިތެއް ހެދުމަށެވެ. އެ ގޮތުން އެސްޖޭ ކޮންސްޓްރަކްޝަނާއި އެ ބިން ހަވާލުކުރިއެވެ. ނަމަވެސް މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭކަމުގެ ތުހުމަތުގައި އެއްބަސްވުން ވަނީ ބާޠިލްކޮށްފައެވެ.
މި މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒިޔާދާއި، އެ މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިއަކަށް އޭރު ހުންނެވި ބޭފުޅާގެ މައްޗަށް ވަނީ ދަޢުވާ އުފުލައިފައެވެ.