ގަން އިންޓަރނޭޝަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ގަން އިންޓަރނޭޝަލް އެއަރޕޯޓު ތަރައްޤީކުރަން އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދާން ނިންމައިފައިވާ މަޝްރޫޢުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފައިވާ ކަމަށެެވެ. އެ މަސައްކަތް ފަށާފައިވަނީ އިއްޔެގައެވެ.
މި މަޝްރޫޢުގެ ދަށުން ގަން އިންޓަރނޭޝަލް އެއަރޕޯޓުގައި އާ ޑޮމެސްޓިކް ޓާރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި ފަޔަރ ސްޓޭޝަން ޤާއިމުކުރާނެއެވެ.
ހަމައެހެންމެ މިހާރު ހުރި ޓާރިމިނަލް އިންޓަރނޭޝަނަލް ޓާރމިނަލްއެއްގެ ގޮތުގައި ތަރައްޤީކޮށް، ޑިއުޓީ ފްރީ ފިހާާރަތަކާއި، ރެސްޓޯރަންޓްތަކާއި، ލައުންޖް ވަސީލަތްތައް ވެސް ޤާއިމުކުރާނެއެވެ.
ހަމައެއާއެކު އެއަރޕޯޓަށް ދާނެ އިތުރު މަގެއް ޤާއިމުކުރެވި، ކާގޯ ވަސީލަތްތައް އިތުރުކުރާނެއެވެ. އަދި އެއަރޕޯޓަށް ބޭނުންވާ އާލަތްތައް ހޯދުމުގެ އިތުރުން އެއަރޕޯޓުގައި ސޯލާ ޕެނަލް ހަރުކުރެވިގެންދާނެއެވެ.
ގަން އިންޓަރނޭޝަނަލް އެެއަރޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމަށްވާއިރު، އެ ތަން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުުރުމަކީ ދެކުނުގެ ތަރައްޤީއަށް މުހިންމުކަމެއްކަން އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެއީ އެ ސަރަހައްދުގައި މަސްވެރިކަމާއި، ފަތުރުވެރިކަމާއި، އެހެނިހެން ސިނާޢަތްތައް ތަރައްޤީކޮށް، ދެކުނުގެ އަތޮޅު އިޤުތިސާދު ފުޅާކުރަން ކޮންމެހެން ބޭނުންތެރިކަމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށޭނެ ކަމަށެވެ.