މ. މުލަކާއި ރ. ހުޅުދުއްފާރުގެ މަގުތަކުގައި ތާރުއެޅުމަށް 195.1 މިލިއަން ރުފިޔާއަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އަދި އެމްއާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކެވެ.
ދެ އެއްބަސްވުމެއްގެ ދަށުން ސޮއިކޮށް މުލަކުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 106.2 މިލިއަން ރުފިޔާއަށެވެ. އަދި އެ މަޝްރޫއުގެ ދަށުން މުލަކު ބޮޑެތި މަގުތަކުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެ މަޝްރޫއުގެ ދަށުން 5.8 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައި މަގުތަކުގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރާނެއެވެ. މިނިސްޓްރީއިން އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 420 ދުވަހަށެވެ.
ހުޅުދުއްފާރުގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމަށްޓަކައި މިއަދު ހަވާލުކޮށްފައިވަނީ 88.9 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން 3.2 ކިލޯމީޓަރުގެ މަގުގެ ތާރުއެޅުމާއި މަގުތަކުގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީއިން އެ މަސައްކަތް ފުރިހަމަ ކުރުމަށް ދީފައިވަނީ 390 ދުވަހެވެ.