ހަލުވިކަމާއެކު ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް އިތުރުވަމުން އަންނަ ޅ.އަތޮޅުގެ ރައްޔިތުން ކަންބޮޑުވާންޖެހޭ ހާލަތަށް އަދި ގޮސްފައިނުވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ޅ.އަތޮޅުގައި ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް އިތުުރުވެ، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށާއި، ފެލިވަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލައްވައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.
އެ މައްސަލައަށް ޢިޝާރަތްކުރައްވައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ޅ.އަތޮޅުގެ ރައްޔިތުން ކަންބޮޑުވާންޖެހޭ ހާލަތަށް ކަންކަން އަދި ގޮސްފައިނުވާކަމަށެވެ.
”ބ.އަތޮޅު ކޮވިޑް ފެސިލިޓީގައި މި ވަގުތު ތިބީ ނައިފަރު ދެ މީހުންނާއި، ފެލިވަރު ދެ މީހުން. މުޅި ޖުމްލަ ހަތަރު މީހުން. ބ.އަތޮޅު ކޮވިޑް ފެސިލިޓީގެ ކެޕޭސިޓީއަކީ 20 މީހުންގެ ޖާގަ. އެ ތަނުގައި މި ވަގުތު ތިބީ ހަތަރު މީހުން. ނައިފަރު ހޮސްޕިޓަލުގައެއް ނެތް. ހިންނަވަރު ހެލްތު ސެންޓަރުގައެއް ނެތް. އޮޅުވެލިފުށި ހެލްތު ސެންޓަރުގައެއް ނެތް. ކުރެންދޫ ހެލްތު ސެންޓަރުގައެއް ނެތް. އެހެންނަމަވެސް އޮޅުވެލިފުށީގައި ވެސް، ކުރެންދޫގައި ވެސް، ހިންނަވަރުގައި ވެސް، ނައިފަރުގައި ވެސް މިއިން ކޮންމެ ރަށެއްގައި ވެސް ހޮސްޕިޓަލް އެނދުތައް އެބަހުރި. އަޅުގަނޑަށް ފެންނަ ފެނުމުގައި ހާސްކަމުގެތެރެއަށް ކުޑަކޮށް ވެސް ދެވޭފަދަ މިކަމެއްނުދޭ. އަޅުގަނޑުދެކޭ ގޮތުގައި އެއީ އަޅުގަނޑު ފާހަގަކުރަންޖެހޭނެ ކަމެއް.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ޅ.އަތޮޅުގެ ރައްޔިތުން ކަންބޮޑުވާންޖެހޭ ހާލަތަށް އަދި ގޮސްފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު އިއްޔެއާއި ހަމައަށް ފެލިވަރުން 347 މީހުން ޕޮޒިޓިވްވެފައިވެއެވެ. ހަމައެހެންމެ ނައިފަރުން 179 މީހުން ޕޮޒިޓިވްވެފައިވެއެވެ.