ހުސްވި ފެބްރުއަރީ 08 ވަނަ ދުވަހުގެރޭ ގއ.މާމެންދޫގައި ހިންގި މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހެއްގެ ބަންދަށް 30 ދުވަސް އިތުރުކޮށްފިއެވެ.
ގދ. މާމެންދޫގައި ހިންގި މާރާމާރީގައި އުދައްޔު މަރާލި މައްސަލައިގައި ދައުވާ އުފުލައި މުއްދަތު އިތުރު ކޮށްފައިވާ ތިން މީހުންނަކީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހްމަދު ޝަމީމާއި ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިންއެވެ.
މިއަދު ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން އެދިފައިވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމީހުން ބަންދުގައި ބޭތިއްބުމަށެވެ. އެހެންނަމަވެސް ކޯޓުން ނިންމީ 30 ދުވަހަށް އެ ބަންދުގެ މުއްދަތު އިތުރުކުރުމަށެވެ.
އެގޮތަށް ނިންމާފައިވަނީ އެ މައްސަލަ ބަލަމުން ގެންދަވާ އިސްމާއީލް ރަޝީދު ޗުއްޓީގައި ހުންނެވުމުން އެ ސެޝަންގައި އެހެން ގާޒީއެއް ކަމަށްވާ ހައުސިން ފާއިޒް ބައިވެރިވެވަޑައިންނަވަމުންނެވެ.
ކްރިމިނަލް ކޯޓުން ނިންމީ 30 ދުވަހަށް ތިން މީހުން ރިމާންޑް ޖަލެއްގައި ބޭތިއްބުމަށެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ޖުމްލަ ހަތަރު ފަރާތަކަށް ދައުވާ އުފުލާފައިވެއެވެ. އެއީ ކްރިމިނަލް ކޯޓުން މިއަދު 30 ދުވަހުގެ މުއްދަތު ދިން ތިން މީހުންގެ އިތުރުން 18 އަހަރު ނުވާ ކުއްޖެކެވެ. އެ 18 އަހަރު ނުވާ ކުއްޖާގެ ޝަރީއަތްވެސް ކުރިއަށްދާއިރު އޭނާގެ ޝަރީއްޔަތް ކުރިއަށްދަނީ ޖޫވެނައިލް ކޯޓުންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުގެރޭ މާމެންދޫގައި ހިންގި އެ މާރާމާރީގައި ބޮޑެތި ޒަހަމްތަކާއެކު މަރުވި އުދައްޔުގެ އުމުރަކީ 17 އަހަރެވެ.