އިތިއޯޕިއާގައި ކުރިމަތިވެފައިވާ ލާ އިންސާނީ އަމަލުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް އެކުލަވާލާފައިވާ ރިލީފް ފަންޑަށް، ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ދަ ވީކެންޑް، އެއް މިލިއަން ޑޮލަރު ހަދިޔާކުރުމަށް ނިންމައިފިއެވެ.
އިތިއޯޕިއާގައި ކުރިއަށްދާ ހަމަނުޖެހުމުގެ ތެރެއިން ދަނީ އެކި އުމުރުގެ ފަރާތްތައް މަރަމުންނެވެ. އެއާއެކު އެތައް ބަޔަކު ހާލުގައި ޖެހިފައިވެއެވެ.
”އަހަރެންގެ ހިތް ކުދިކުދިވޭ އެ ވާހަކަތައް އަޑުއިވި. އެމީހުންނާއި ކުޑަކުދިން އުޅޭ ދަތި ހާލު އަހަރެންނަށް އިހުސާސްވެސް ނުކުރެވޭނެ،“ ވީކެންޑް ދާދި ފަހުން ބުންޏެވެ.
އެހެންކަމުން އެ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އެއް މިލިއަން ޑޮލަރު ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ވޯލްޑް ފުޑް ޕްރޮގްރާމް މެދުވެރިކޮށް ދެ މިލިއަން ކެއުން ހަދިޔާ ކުރުމަށްވެސް ނިންމާފައިވާ ކަމަށް ވީކެންޑް ބުންޏެވެ.
ކެނެޑާއަށް އުފަން ދަ ވީކެންޑްގެ މަންމަ ސަމްރާ ޓެސްފެޔޭ އަދި ބައްޕަ މައްކޮނެން އަކީ އިތިއޯޕިއާންގެ އިމިގްރެންޓުންނެވެ.
އިތިއޯޕިއާގައި ކުރިއަށްދާ ހަމަޖެހުން ފެށިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އެ ހަމަނުޖެހުން ފެށިފައިވަނީ ޓައިގްރޭ ޕީޕާލްސް ލިބަރޭޝަން ފްރޮންޓް (ޓީޕީއެލްއެފް) އިން އުތުރު އިތިއޯޕިއާގެ އަސްކަރީ ބޭސްއެއް އަތުލައިގަތުމާ އެކުގައެވެ. އެއާއެކު އެގައުމުގެ ބޮޑުވަޒީރު އަބީ އަހުމަދު ވަނީ އެ ގްރޫޕު އަތުލައިގަތުމަށް އަސްކަރީ ހަމަލާއެއް ފަށްޓަވާފައެވެ.
އެ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ އެތައް ހާސް އިތިއޯޕިއާގެ އާންމު ރައްޔިތުންގެ މަރަށެވެ.