މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، އެ މަޤާމަށް އެންމެ ޤާބިލު ބޭފުޅަކީ، ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކުރީގެ ހައުސިންގެ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒުކަމަށް، ކުރީގެ ހައުސިން މިނިސްޓަރު ޑރ.ޢަލީ ހައިދަރު އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ.ހައިދަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ.މުޢިއްޒަކީ ޤާބިލު ބޭފުޅެއް ކަމަށެވެ. ހަމައެހެންމެ ޑރ.މުޢިއްޒަކީ މާލޭ ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ގެނެސްދެއްވެވޭނެ ތަޖުރިބާކާރު ބޭފުޅެއްކަމަށް ވެސް ޑރ.ހައިދަރު ވިދާޅުވިއެވެ.
”ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، އެ މަޤާމަށް އެންމެ ޤާބިލު، ތަޖުރިބާކާރު އަދި މާލޭ ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ގެނެސްދެވޭނެ ބޭފުޅަކީ ޑރ.މުޙައްމަދު މުޢިއްޒު ކަމުގައި އަޅުގަނޑު ދެކެން.“ ޑރ.ހައިދަރު ކުރެއްވި ޓްވީޓުގައިވެއެވެ.
ޑރ.ހައިދަރުގެ ވާހަކައާއި ގުޅިގެން ޑރ.މުޢިއްޒު ވަނީ ހިތުގެ އިޚްލާާސްތެރިކަމާއެކު ޝުކުރުދަންނަވާކަމަށް ވިދާޅުވެފައެވެ.