ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ލޯފަން ކުދިންނަށް ޚާއްޞަކޮށްގެން ޤުރްއާން ހިތުދަސްކޮށްދިނުމުގެ ޚާއްސަ ކުލާސްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެއްވެސް ކުއްޖެއް ބާކީކޮށްނުލުމަށް ކަޑައަޅާފައިވާ ސިޔާސަތުގެ ދަށުން އެ ޔުނިވަރސިޓީން ލޯފަން ކުދިންނަށް ޚާއްޞަކޮށްގެން ޤުރްއާން ހިތުދަސްކޮށްދޭ ކިލާސްތަކެއް ހިންގުމަށް ރޭވިފައިވާ ކަމަށާއި އެ ކުދިންނަކީ މުޖުތަމަޢުން ބާކީކޮށްފައިވާ ބައެއްގެ އިހުސާސް އެ ކުދިންނަށް ވިޔަނުދީ، އެ ކުދިންނަކީ ވެސް މުޖުތަމަޢުގައި މުހިންމު ކުދިންތަކެއްކަމުގެ އިހުސާސް އެ ކުދިންނަށް ފަހިކޮށްދީ، އަދި އަމިއްލައަށް މަސައްކަތްކުރެވޭނެ ފެންވަރަށް އެކުދިން ތަމްރީނުކޮށްދިނުމަކީ އެ ކުލާސްތަކުގެ އެންމެ ބޮޑު މަގުސަދު ކަމަށެވެ.
އައިޔޫއެމުން ބުނީ މި ކިލާސްތަކުން ތަމްރީނުވާ ދަރިވަރުން މުސްތަޤުބަލުގައި ޤުރްއާން ކިޔަވައިދިނުމާއި، މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ ފެންވަރަށް ތަމްރީނުކުރާނެ ކަމަށާއި އެ ލާސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް 2 އަހަރު ދުވަހުގެ މުއްދަތުގައި ޤުރްއާން ހިތުދަސްކޮށްދެވިގެންދާނެ ކަމަށެވެ.
1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގައި އެ ކުލާސްތަކުގެ ކިޔެވުން ފެށިގެންދާނެ ކަމަށާއި، ކުލާސްތަކުގައި ކިޔެވުމުގެ ފުރުޞަތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކިއެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ހުޅުވިފައިވާ ކަމަށެވެ.
އެ ކިލާސްތައް އޮންލައިންކޮށް އަދި ކެމްޕަހަށް ހާޒިރުވެގެން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށްވެސް އައިޔޫއެމުން ހާމަކުރެއެވެ.
މުޅިން ހިލޭ ކިޔަވައިދޭ ކުލާހެއްކަން ފާހަގަކޮށާއި އޮންލައިންކޮށް ބައިވެރިވާ ދަރިވަރުންނަށް، އިންޓަނެޓުގެ ވަސީލަތްތައް އެ އައިޔޫއެމުން ފޯރުކޮށްދެވޭނެ ކަމަށެވެ.
މި ކިލާހުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 8 ވަނަ ދުވަހުގެ މެންދުރު ފަހު 13:00 އެވެ.