މިމަހުގެ 10 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިން ވެބްސައިތް އިފްތިތާހުކޮށްފިއެވެ.
އެމަނިކުފާނުގެ ކެމްޕެއިން ވެބްސައިޓް އިފްތިތާހުކޮށްދެއްވީ، ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވި ބޮޑުފެންވަޅުގޭ މުސްތަފާ ހުސައިން އެވެ.
ޑރ މުއިޒްގެ ކެމްޕެއިން ވެބްސައިޓް https://muizzuformayor.com އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައިވަނީ، ރައީސް ވަހީދުގެ އިތުރުން ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕުގައި ހިމެނޭ ގިނަ ފަރާތްތަކެއް ބައިވެރިވެފައެވެ.
ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ހައުސިން މިނިސްޓަރުގެ މަގާމު މުއިއްޒު ފުރުއްވިއިރު، ފަހަކަށް އައިސް ރާއްޖޭގައި އެންމެ ދިގު މުއްދަތަކަށް ހައުސިން މިނިސްޓަރު ކަން ކުރެއްވި އެއް ބޭފުޅަކަށް މުއިއްޒު ވާނެއެވެ. ހައުސިން މިނިސްޓަރު ކަމުގައި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ހިންގެވުމަށް ފަހު، އެމަނިކުފާނު ވަނީ ގިނަ ދިވެހިންގެ ލޯބި ހޯދާފައެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް މުއިއްޒު ވާދަކުރައްވާއިރު، މުއިއްޒުގެ އެންމެ އިސް ސިޔާސަތަކީ ”އެންމެ ފަހު މީހާ“ ހަމައަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.