ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައިގައި ދަޢުވާ އުފުލައިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލަން ޢަމުރުކުރި މައްސަލައިގެ އިސްތިއުނާފު ޝަރީޢަތް މާދަމާ ފަށަން ހައިކޯޓުން ހަމަޖައްސައިފިއެވެ.
ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލަމް ކްރިމިނަލް ކޯޓުން ޢަމުރު ނެރުނީ ވޭތުވެދިޔަ ފެބްރުއަރީ މަހުގައެވެ. އެއީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރައިވަޑައިގަތުމުގެ ހުއްދައަކަށް ޢަލީ ވަޙީދު އެދިވަޑައިގަތުމުންނެވެ.
މި މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާރ ނިންމެވިއެވެ. އެއީ އެފަދަ މައްސަލަތައް އިސްތިއުނާފުކުރަން ހުށަހަޅަންޖެހޭ މުއްދަތު ފާއިތުވިފަހުން މައްސަލަ ހުށަހެޅުމުންނެވެ. އެފަދަ މައްސަލައެއްނަމަ 48 ގަޑިއިރު ކުރިން ހުށަހަޅަންޖެހޭނެއެވެ.
ނަމަވެސް ދައުލަތުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކުރުމުން މައްސަލަ ބަލައިގަނެފައިވާއިރު، މައްސަލައިގެ އިސްތިއުނާފު ޝަރީޢަތް މާދަމާ މެންދުރުފަހަށް ހައިކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. ނަމަވެސް ޢަލީ ވަޙީދު އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
މި މައްސަލައިގެ އިސްތިއުނާފު ޝަރީޢަތް މާދަމާ ފަށަން ހައިކޯޓުން ހަމަޖައްސައިފައިވާއިރު ޖޭއެސްސީން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައިގައި ޢަލީ ވަޙީދުގެ މައްޗަށް 07 ދަޢުވާއެއް އުފުލައިފައިވެއެވެ. އެއީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދަޢުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 02 ދަޢުވާއެވެ.