ދިވެހި ތާރީހުގައިވެސް ފުރަތަމަ ފަހަރަށް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ތިން އަންހެން ކަނބަލުން އައްޔަންކުރައްވާފިއެވެ.
މިކަމާއ ގުޅިގެން ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިފައިވަނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ތިން އޮފިސަރުންނަށް ކަމަށާއި، އެއީ ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރު ކަމަށެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވި އިޒްމިއާ ޒާހިރަކީ އޯގަނައިޒޭޝަނަލް ރީފޯމް ޑިޕާޓްމަންޓުގެ ހެޑްއެވެ. ފުލުހުންގެ ހިދުމަތުގައި 16 އަހަރު ހޭދަކުރައްވާފައިވާ އިޒްމިއާ ފާހަގަކުރެވިފައިވަނީ ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަދި އެކަން އަމަލުން ސާބިތުކޮށްދޭން މަސައްކަތްކުރައްވާ އޮފިސަރެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަޒުމާއަކީ ފުލުހުންގެ ހިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ އެއް އަންހެން އޮފިސަރު ކަމަށާއި އޭނާ 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ ކަމަށެވެ. އޭނާ މިވަގުތު ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ޑިވިޝަން ކޮމާންޑަރުގެ މަގާމުގައި ކަމަށާއި ފުލުހުންގެ ހިދުމަތުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވަނީ އިންވެސްޓިގޭޝަން ދާއިރާގައި ކަމަށްވެސް ބުންޏެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވި ފާތިމަތު ނަޝްވާ އަކީ އަޕާ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެވެ. ފުލުހުންގެ ހިދުމަތުގައި 25 އަހަރު ހޭދަކޮށްފައިވާ ނަޝްވާ ވަނީ އެޑްމިން އޮފިސަރެއްގެ މަގާމުން ފެށިގެން ޔުނިޓް ލެވެލްގަ އާއި ޑެޕިއުޓީ ހެޑްގެ މަގާމާއި ހެޑް އޮފް ޑިޕާޓްމަންޓްގެ މަގާމުވެސް ފުރުއްވައިފައެވެ.