މ. ޝުރާމަންޒިލް ހާމިދު އިސްމާއީލް ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދު ކޮށްފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ލިބެން ޖެހޭ 5 މިލިއަން ޑޮލަރުގެ ހިޔާނާތުގައި ބައިވެރި ވެފައިވާ މައްސަލައިގައި ހާމިދު އިސްމާއިލް 2 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އެ މައްސަލައަކީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހު، ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ތަރައްޤީ ކުރުމުގެ ގޮތުން ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕިއާރުސީއަށް ދެއްކި 5 މިލިޔަން ޑޮލަރުގެ ޗެކާ، އެމްއެމްޕީއާރުސީގެ އޭރުގެ މެނެޖިން ޑިރެކްޓަރު ޢަބްދުالله ޒިޔާތު ހަވާލުވެފައި ވީނަމަ ވެސް، އެ ފައިސާ އެމްއެމްޕީއާރުސީއަށް ލިބިފައި ނުވާތީ އާއި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ޢަބްދުލްޣަފޫރާއި ހާމިދު އިސްމާއީލް، 2 މީހުން ބައިވެރިވެގެން އެ ޗެކު ހާމިދު ހިއްސާވާ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ބޭންކް އެކައުންޓަށް 2014 ވަނަ އަހަރުގެ ޖޫން 9 ވަނަ ދުވަހު ޖަމާކޮށްފައި ވާތީ އާއި އެ ފައިސާއިން ހާމިދު މުއާމަލާތް ކޮށްފައިވާ މައްސަލައެކެވެ.
ހައިކޯޓުން އެ މައްސަލަ ބެލުމަށް ފަހު، ކުރިމިނަލްކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ޖެހޭ ޤާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް ނެތްކަމަށް ނިންމައި އެ ހުކުމަށް ހައިކޯޓުން ތާއީދު ކުރާ ކަމަށް 29 ޖެނުއަރީ 2019 ވަނަ ދުވަހު ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ހާމިދުގެ ފަރާތުން އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައި ފަނޑިޔާރު އަލީ ރަޝީދު އިއްވެވި ހުކުމުގައި ވަނީ، އެ މައްސަލައިގައި ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ، ޤާނޫނުގައިވާ ހަމަތަކާ އެއްގޮތަށް ކަމަށް ވާތީ އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރާ ކަމަށެވެ.
އެ މައްސަަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަ ވަނީ އިސް ފަނޑިޔާރު އަލީ ރަޝީދާއި ހުސައިން އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާޙީމްއެވެ.