އެސްޓީއޯއިން ޑިޖިޓަލް ބޭންކިންގެ ހިދުމަތް ތައާރަފުކުރުމަށް ތައްޔާރުވެއްޖެ އެވެ.
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވިގޮތުގައި އެސްޓީއޯގެ ޑިޖިޓަލް ބޭންކިންގެ ހިދުމަތް އަންނަ އަހަރު ތައާރަފުކުރާނެ އެވެ.
”އަދަދު“ އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ ޑިޖިޓަލް ބޭންކިން ތައާރަފުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރުވެސް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ މާކެޓް ސްޓަޑީ ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސީޑީއީ ކޮންސަލްޓެންސީ އާ ގުޅިގެން ކުރިއަށް ގެންދިޔާ މާކެޓް ސްޓަޑީއަކީ ރާއްޖޭގެ ބޭންކިން ސިސްޓަމް އާ ގުޅޭގޮތުން ހަދާފައިވާ ރިސާޗެއް ކަމަށް އަމްރު ފާހަގަކުރެއްވިއެވެ.
އަމްރު އިތުރަށް ވިދާޅުވީ ރިސާޗް މަރުހަލާގައިވާ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ.
އަދި މަސައްކަތްތައް ކުރިއަށްދާގޮތަށް ބަލާނަމަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެ ހިދުމަތް ލޯންޗުކުރެވޭ ވަރުވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.