ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ފޮރިން މިނިސްޓަރަކަށް ހުންނެވި އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ދުންޔާ މައުމޫންގެ ވަރަށް ފޮނި އުންމީދުތަކެއް މިއަދު އެބައޮތެވެ.
ސިޔާސީ މައިދާނުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލެއްވި ދުންޔާގެ މިއަދުގެ އަމާޒަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ހިފެހެއްޓުމެވެ.
ޚާއްސަކޮށް ދިވެހިންނަކީ ފަޚުރުވެރި ބައެއްގެ ގޮތުގައި ތިބުމަށް މަސައްކަތްކުރެއްވުމެވެ. ދުންޔާ މި ދަތުރު ފެށްޓެވީ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)އާއެކުގައެވެ.
ޑީއެންއޭގެ ތަސައްވުރަކީ ކޮބާ:

މާރިޗުމަހުގެ 03 ވަނަ ދުވަހުގެރޭ އިފްތިތާހުކުރި ޑީއެންއޭއަކީ ސިޔާސީ މައިދާނުގައި އިސް ސަފުގައި މަސައްކަތް ކުރައްވައިފައި ތިއްބެވި ބައެއް ބޭފުޅުން ގުޅިވަޑައިގެން ހިންގަވާ ހަރަކާތެކެވެ. އޭގެތެރޭގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރެވެ.
ދުންޔާ ވިދާޅުވީ ޑީއެންއޭއަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ހިފެހެއްޓުމުގެ މަޤުސަދުގައި ވުޖޫދުވެފައިވާ ހަރަކާތެެއް ކަމަށެވެ. ހަމައެހެންމެ ޑީއެންއޭގެ ހުރިހައި މަސައްކަތްތަކެއް ވެސް ބިނާވެގެންދާނީ އިސްލާމީ އުސޫލުތަކުގެ މައްޗަށްކަމަށް ދުންޔާ ވިދާޅުވިއެވެ.
”އަޅުގަނޑުމެން އެންމެ މުހިންމު ގޮތެއްގައި ޤަބޫލުކުރާ ޤަބޫލުކުރުންތަކަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ހިފެހެއްޓުން. އަދި ޚާއްސަކޮށް ދިވެހިންނަކީ ފަޚުރުވެރި ބައެއްގެ ގޮތުގައި ތިބުން.“ ދިޑެއިލީއާއި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވިއެވެ.
ޑީއެންއޭގެ ތަސައްވުރަކީ އެއީކަމަށް ވިޔަސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ތެލާއި ފެނާއި އެކުނުވާނެއެވެ. އެހެންކަމުން ޢުމަރާއި ދުންޔާ ގުޅިވަޑައިގެން މަސައްކަތްތަކެއް ވެސް ނުކުރެއްވޭނެ ކަމަށެވެ. ސަބަބަކީ ޢުމަރާއި ދުންޔާގެ ވިސްނުން ހާސްބައި ތަފާތުވާތީކަމަށް އެފަދަ ފަރާތްތަކުން ދެކެއެވެ.
މިކަމާއި ގުޅިގެން ދުންޔާ ވިދާޅުވީ ކޮންމެ މީހެއްގެ ވެސް ޚިޔާލު ތަފާތުވާނެ ކަމަށެވެ.
”އަޅުގަނޑުމެންނަކީ އެކި އިންޑިވިޖުއަލުން. އަޅުގަނޑުމެންގެ ތަޖުރިބާ ވެސް ތަޢުލީމު ވެސް އެކި ބޭފުޅުންގެ ތަފާތުވާނެ. އެކަމަކު އަޅުގަނޑުމެން މަސައްކަތްކުރަނީ އެއް ވިސްނުމަކާއި ދިމާއަށް ގޮސްގެން ރާއްޖެއަށް ރަނގަޅުގޮތްތަކެއް، ދިވެހި ރައްޔިތުންނަށް މިއަށްވުރެ ފަހި މުސްތަޤުބަލެއް ހޯދައިދިނުން.“ ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މި ވަގުތު އޮތް ސިޔާސީ ޕާޓީތައް ވަނީ ފެއިލްވެފައެވެ.
“ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ބަލައިލައިފިނަމަ ޕާޓީތައް ވަނީ ފެއިލްވެފައި. ރާއްޖެއަށް ވަރަށް އުންމީދާއެކީ ގެނައި ސިޔާސީ އިސްލާހީ ބަދަލުތަކެއްގެތެރެއިން ޒަމާނީ ޑިމޮކްރަސީއަކަށް އަޅުގަނޑުމެން ވާސިލުވިއިރުގައި އަންފޯޗުނޭޓްލީ މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ އަސްލު ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލްނުވެ، ދިވެހި ރައްޔިތުންގެ ޙައްޤުތަކަށް އަޅައިނުލެވި، ދިވެހި ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ކޮށްނުދެވި އުޅޭ ޕާޓީތަކެއް، ގިނައިން އަމިއްލަ އެދުމުން އަޅުގަނޑަށް ހީވަނީ އެ މަސައްކަތްކުރެވެނީ. އަމިއްލަ ޖީބުތައް ފުރުމުގައި ވަގުތުތަކެއް އެބަދޭ. ސިޔާސީ މަޝްހޫރުކަމާ އެހެން ކަންކަން ހޯދާތަން އަޅުގަނޑުމެންނަށް އެބަފެނޭ.“ ދުންޔާ ވިދާޅުވިއެވެ.
ނަމަވެސް އިޚްލާސްތެރިކަމާއެކު މަސައްކަތްކުރައްވާ ފަރާތްތައް ވެސް އެބަ ތިއްބެވި ކަމަށާއި، ގިނައިން ފެންނަނީ އިސްވެ ދެންނެވި ގޮތަށް ކަންކަންވަމުންދާ ގޮތް ކަމަށާއި، އެކަމާ ރައްޔިތުން ކަންބޮޑުވާ ކަމަށާއި، ރައްޔިތުން މިހާރު ބޭނުންވަނީ އައު ގޮތްތަކެއް ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
އެ ބޭފުޅުން ބަރުލަމާނީ ނިޒާމަކަށް ވަކާލާތުކުރައްވަނީ ކީއްވެ:

މި ނިޒާމު އެންމެ ފައްކާވެފައިވާ ޤައުމަކީ އިނގިރޭސިވިލާތްކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެެއެވެ. މިހާރު ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެކެވެ. އެއީ ރައްޔިތުންގެ ރުހުމާއެކު ގެނެސްފައިވާ ނިޒާމެކެވެ.
ނަމަވެސް އެ ނިޒާމު އެފުށްމިފުށަށް ޖަހައިލައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވަނީ “ބޮޑު ވަޒީރު“ ކަން ބޭނުންފުޅުނުވާކަމަށް ވިދާޅުވެފައިވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ދުންޔާ ވިދާޅުވީ އެ ނިޒާމު ގެންނަކަމަށްވަންޏާ ރައްޔިތުންގެ ބަހެއް ވަރަށް މުހިންމުވާނެ ކަމަށެވެ. އަދި ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުމަކީ ރައްޔިތުން ބޭނުންވެގެން ނިންމައިފައިވާ ގޮތް ކަން ވެސް ފާހަގަކުރެއްވިއެވެ.
”ބަރުލަމާނީ ނިޒާމަކަށް ވަކާލާތުކުރައްވާ އެކިއެކި ބޭފުޅުން އެބައުޅުއްވާ. އެ ބޭފުޅުންގެ އަމިއްލަ ބޭނުންތަކެއް ވެސް އެބައޮވޭ ކަންނޭނގެ. ވަކި ބަޔަކު ވެރިކަމުގައި ތިބުން ނުވަތަ ވަކި ބަޔަކަށް އަބަދު ވެސް ބާރު އޮތުން.“ ދުންޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޯލިޝަނަށް ނަޒަރެއް ދެއްވަމުން ދުންޔާ ވިދާޅުވީ ކޯލިޝަން ނިޒާމު ހިންގުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި ކޯލިޝަނަކާއެކީ އަންނަ ސަރުކާރަކަށް، ކޯލިޝަން ދެމެހެއްޓިފައެއް ނުވާ ކަމަށާއި، އަބަދުވެސް ތަކުރާރު ވަނީ އެއްކަމެއް ކަމަށެވެ.
”ވަކި އެއްޕާޓީއެއްގެ ބާރާއި ނުފޫޒު މި އޮންނަނީ. އެމްޑީޕީ ވެެރިކަމުގަ އޮތްއިރު ރައްޔިތުން ބޭނުންވާ ކަމެއް ނުުފުއްދޭ. ރައްޔިތުން ބޭނުންވާ ހިސާބަކަށް ކަމެއް ނުކޮށްދެވޭ.“ ދުންޔާ ވިދާޅުވިއެވެ.
ކޮރަޕްޝަނާ އެހާ ދެކޮޅުނަމަ، މި މައްސަލައިގައި އިޚްލާސްތެރިކަން ދައްކަވަންވީނޫންތޯ!

ދުންޔާ އެ ޢިޝާރާތްކުރައްވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މާސިންގާ ޚިޔާނާތަށެވެ. ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ހިންގި މި ޚިޔާނާތުގައި ފަސްދޮޅަހަށްވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާއިރު، އެ ރަށްތަކުގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭކަމަށް މި ސަރުކާރުން ބުނެފައިވެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރަން ގއ.ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވައިލައި، އެ ފައިސާ ލޯންޑާރކުރިކަން ސާބިތުވުމުން ރައީސް ޔާމިނަށް ޙުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ޙުކުމްކުރީ ރައީސް ޔާމިން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
ކޮންމެއަކަސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ބެލުމުގައި އެެއްވެސް އިންސާފެއް ހަމައެެއް ނެތްކަމަށް ގިނަ ބަޔަކު މިއަދު ޤަބޫލުކުރެއެވެ. އަދި އެ މައްސަލަ ބަލައި، އަދަބު ޙައްޤުވާ މުޖުރިމުންނަށް އަދަބު ދެވިދާނެތޯ މިއީ މިއަދު އުފެދިފައިވާ ސުވާލެކެވެ.
”އަޅުގަނޑުމެންނަށް އެބަފެނޭ ވަކި ބަޔަކު ތަޙްްޤީޤުކުރެވި ޖަލުގަ އޮންނަ ތަން. ދެން ރައީސް ޔާމިން ވެސް އޮންނެވީ ޖަލުގަ. އެކަމަކު ވެސް އޭގަ އަދީބު ވަރަށް ބޮޑު ރޯލެއް ކުޅުއްވައިފައި ހުންނެވި ބޭފުޅެއްކަން މިހާރު ޝަރުޢީ ނިޒާމުން އެ ވަނީ ހެއްކާއެކީގަ ސާބިތުކުރެވިފަ. އެހެންނަމަވެސް އަދީބު ހުންނެވީ ގޭގަ. ޒިޔަތު ހުންނެވީ ގޭގަ.“ މައްސަލައިގައި ކަން ހިނގަމުންދާ ގޮތަށް ނަޒަރެއް ދެއްވައި ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ އަދަބު ލިބިގެން ދަނީ އެއް ބަޔަކަށް ކަމަށެވެ. ނަމަވެސް ވަރަށް ގިނަ ބަޔަކަށް ޚިޔާނާތުގެ ފައިސާއިން ފައިދާވިކަމުގެ އަޑުތައް ފެތުރިފައިވާކަން ދުންޔާ ފާހަގަކުރެއްވިއެވެ.
”އޭގެތެރޭގައި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭކަމަށްވާނަމަ އިތުރަށް މައްސަލަ ތަޙްޤީޤުކުރާކަށް ބޭނުމެއް ނުވާނެ.“ ދުންޔާ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ 267 ބޭފުޅުންނަށް ލިބިވަޑައިގެންނެވިކަމަށް ވެއެވެ. އޭގެތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރުންނާއި، 19 ވަނަ މަޖިލީހުގެ 16 މެންބަރުންނާއި، މިނިވަން މުއައްސަސާތަކުގެ އިސްކޮށް ތިއްބެވި 05 ބޭފުޅުން ހިމެނިވަޑައިގަންނަވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ހަމައެހެންމެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި 07 ބޭފުޅުންނާއި، 07 ފަނޑިޔާރުންނާއި، ސަލާމަތީ ބާރުތަކުގައި ތިއްބެވި 23 އޮފިސަރުންނަށް މަންފާ ލިބިލެއްވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ބެލުމަށް ސަރުކާރުން މާ ބޮޑު އަހައްމިއްޔަތުކަމެއް ނުދެއްވައެވެ. ނަމަވެސް ފަހަކަށްއައިސް ވެންޓިލޭޓަރުތަކުގެ މައްސަލައިގެ އަޑު ވަނީ ގަދަވެފައެވެ.
”ވެންޓލޭޓަރުގެ މައްސަލަ މާކުޑަ. އެމްއެމްޕީއާރްސީގެ މައްސަލަ ބޮޑު. ކުރިއަކަށް ނުދޭ. ވެންޓިލޭޓަރު ވާހަކަ ދެކެވޭއިރު އެ މައްސަލައާއި ގުޅިގެން އެ ވަރަށް އަޑުއުފުލާ ތަނެއް ނުފެނޭ.“ ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވަނީ ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން މަސައްކަތްކުރާކަމަށްވާނަމަ، އެމްއެމްޕީއާރްސީގެ މައްސަލައިގައި އިޚްލާސްތެރިކަން ދައްކަވަންވީނޫންތޯ ސުވާލުކުރައްވައިފައެވެ.
މިއީ އާބިޓްރޭޝަނަކަށް ދެވޭ ކަހަލަ މައްސަލައެއް ނޫން!

ކޮވިޑާއި ގުޅިގެން ރާއްޖެއަށް ގެންނަން ނިންމި ވެންޓިލޭޓަރުތަކަށް ސަރުކާރުން ފައިސާ ދައްކާފައިވާ ނަމަވެސް، ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި އެޓާރނީ ޖެނެރަލް އަލްއުސްތާޒު އިބްރާހިމް ރިފްޢަތު ލަފާދެއްވައިފައިވަނީ އިންޓަރނޭޝަނަލް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަންކަމަށް ދާދިފަހުން ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
”މިއީ އާބިޓްރޭޝަނަކަށް ދެވޭ ކަހަލަ މައްސަލައެއް ނޫން. އާބިޓްރޭޝަނަކީ ކޮންމެވެސް ދެބައެއްގެ ދޭތެރޭގަ ނުވަަތަ ކޮންމެ ވެސް ދެ ޖަމާޢަތެއްގެ ދޭތެރޭގަ ނުވަތަ ދެ މީހެއްގެ ދޭތެރޭގަ މައްސަލައެއް ހައްލުކުރުން. މިއަކު އާބިޓްރޭޝަނެއް ހިމެނޭކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ.“ ފެނިވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން ދުންޔާ ވިދާޅުވިއެވެ.
ވެންޓިލޭޓަރު މައްސަލަ ތަޙްޤީޤުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގައެވެ.
ވެންޓިލޭޓަރުތައް ގެންނަނީ އުސޫލުތަކާއި ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި، އޭގެ އިތުރުން އެ ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، ވެންޓިލޭޓަރުތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާދެއްކިކަމަށް ބުނާ މައްސަލައިގައި އޭރުގެ ހެލްތު މިނިސްޓަރު އަމީންގެ އިތުރުން ހެލްތު މިނިސްޓްރީގެ 10 ބޭފުޅަކަށް ދަޢުވާކުރަން ފޮނުވިއެވެ. ނަމަވެސް މި މައްސަލައިގައި ދަޢުވާކުރެވޭވަރަށް ހެކި ނެތްކަމަށް ވިދާޅުވެ ޕީޖީ ޙުސައިން ޝަމީމް އަނބުރާ އެ މައްސަލަ އޭސީސީއަށް ފޮނުއްވިއެވެ.
ނަމަވެސް ދާދިފަހުން ޕީޖީން ބުނީ މައްސަލައާއި ގުޅިގެން ލިބުނު އާ މަޢުލޫމާތުތަކަށްފަހުގައި ވެސް ދަޢުވާ ނުކުރަން ނިންމީ ކުރިން ހޯދާފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، ޖިނާޢީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެކަމަށް ނުފެންނާތީ ކަމަށެވެ. އެހެނަސް އުންސުރުގެ ވާހަކައިން އައި ފާޑުކިޔުންތަކާ ގުޅިގެން މައްސަލަ އަލުން މުރާޖަޢާކުރަން ޕީޖީން ވަނީ ނިންމައިފައެވެ.
”އަސްލުގަ ވަރަށް ނުބައި ޢަމަލެއް. އެންމެ ހާލުގައި ޖެހިފައި އޮތް ވަގުތެއްގައި ރާއްޖޭގަ އަދި އެ ވަގުތު ވެންޓިލޭޓަރު ހޯދުމަކީ އެހާ މުހިންމުކަމަކަށްވެފައި އޮތް ވަގުތެއްގައި ފޮލޯކުރަންޖެހޭ ޤާނޫނުތަކާާއި ޚިލާފަށް ހިނގާފައި މި އޮތީ. ކޮންމެ ގޮތެއް ވިޔަސް ފައިސާތަކެއްދީ ނިމިއްޖެ. ވެންޓިލޭޓަރުތަކެއް ވެސް ނުލިބޭ. އަދި އިތުރަށް މި ތަޙްޤީޤުކޮށް ހެލްތު މިނިސްޓަރު ވެސް ހުންނަވާފަ މި ވަކިވެވަޑައިގަތީ. މިކަމުގަ އަޅުގަނޑު ބުނެލަން ބޭނުންވަނީ އަޅުގަނޑުމެން ކުށްވެރި ކުރަމޭ. އަޅުގަނޑުމެންނަކީ ކޮރަޕްޝަނާ އިދިކޮޅަށް ތިބި ބައެކޭ. ދެން ކޮންމެ ސަރުކާރަކުން ވެސް މި ވިދާޅުވަނީ ކޮރަޕްޝަނާ އިދިކޮޅަށޭ، ކުރީ ސަރުކާރު ކޮރަޕްޓޭ، އެކަން ހުއްޓުވާށޭ އަޅުގަނޑުމެން މިއައީ. ދެން އިތުރަށް އައިސްފައި އަޅުގަނޑުމެން ބަލާއިރުގަ ކޮރަޕްޝަން މިދަނީ އިތުރުވަމުން. އެހެންވީމަ މި ސަރުކާރުގަ ވެސް ހިނގާ އެކިއެކި ކަންތައްތައް ތަޙްޤީޤުކުރެވި އެއްވެސް ބަޔަކު ޝަރީޢަތަށް ގޮސްފަ އެ ބަޔަކަށް ލިބެންޖެހޭ އަދަބެއް ލިބޭތަނެއް ނުވަތަ ހޯދަންޖެހޭ ފައިސާތަކެއް ހޯދޭ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ.“ ކަންބޮޑުވުން ފާޅުކުރައްވައި ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވަނީ މި މައްސަލަ ބަލައި ގެއްލިގެންދިޔަ ފައިސާތައް އަނބުރާ ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވައިފައެވެ.
”މީ ސްޓޭޓުން ޕްރޮސެކިއުޓްކޮށްފައި ބަލަންޖެހޭ މައްސަލައެއް. އުފުލޭނީ މިކަމުގަ ޕްރޮސެކިއުޓާރއަށް މައްސަލަ ގެންދެވޭނީ އެ ބޭފުޅާއަށް ވެސް ފުދޭ ވަރަކަށް ތަޙްޤީޤުކޮށް ރަނގަޅު މަޢުލޫމާތު ލިބިގެން. އެހެންވީމަ އެ ބޭފުޅާ ވެސް އެކަމަށް މަސައްކަތްކުރެއްވުމަކީ އަޅުގަނޑު އެދޭގޮތް.“ ދުންޔާ ވިދާޅުވިއެވެ.
އިންޑިއާއާއި ރާއްޖެއާއި މިއޮތީ އެހާ ހެލްދީ ރިލޭޝަންޝިޕެއް ނޫން!

”ރައީސް މައުމޫންގެ ސަރުކާރުގަ ވަރަށް ބެލެންސްޑްކޮށް އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ގެންގުޅުއްވީ. އެއީ ހަމަ އެކި ޤައުމުތަކާ ވަަރަށް ރަނގަޅު ގުޅުންތަކެއް ބަދަހިކުރައްވާ އެކަމަކު ވެސް ވަކި ހިސާބެއްގަ އެ ޤައުމުތައް ތިބެނީ. އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި އަޅުގަނޑުމެންގެ މިނިވަންކަމަށް ބުރޫއަރާ އެއްވެސް ހިސާބަކަށް ނުގެންދަވާ.“ ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ އެއްބަޔަކާ އަނެއްބަޔަކާ ދޭތެރޭ މި އޮންނަ އެކިކަހަލަ ހަނގުރާމަތަކުގެތެރެއަކަށް އޭރަކު ވަންނާކަށްނުޖެހޭ ކަމަށެވެ.
މާޒީގެ ޞަފުހާތަކަށް އަވަސް ކަޅިއެއް އެއްލަވަމުން ދުންޔާ ވިދާޅުވީ މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އިންޑިއާއާއި ވަރަށް ގާތަށް ޖެހިވަޑައިގެންނެވި ކަމަށެވެ. ހަމައެހެންމެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމް ޗައިނާއާއި ގާތަށް ޖެހިވަޑައިގެންނެވި މަންޒަރު ފެނިގެންދިޔަ ކަމަށެވެ.
”މިހާރުގެ ދުނިޔޭގައި އަޅުގަނޑަށް ފެންނަނީ އިންޑިއާއާއި ރާއްޖެއާއި މިއޮތީ އެހާ ހެލްދީ ރިލޭޝަންޝިޕެއް ނޫން. މިހާރު އަޅުގަނޑުމެން މިތިބީ ދަށުވެފައި. އަޅުގަނޑުމެންގެ މިނިވަންކަމަށް ވަރަށް ބޮޑަށް ބުރޫއަރާ ހިސާބުގައި. ކޮންމެ ކުޑަކުޑަ ކަމަކަށް ވެސް އިންޑިއާ ނޫން އެހެން ފަރާތަކަށް ނުދެވޭ. ދެން އިންޑިއާއަކީ ވަރަށް ޖެލެސްކަހަލަ ގޮތަކަށް ރާއްޖެއިން އެހެން ބަޔަކާ ވާހަކަ ދެއްކިޔަނުދީ، އެހެންބަޔަކާ ގުޅުމެއް ބޭއްވިޔަނުދީ އެކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ޤައުމުގެ ކަންތައްތައް ބަލަހައްޓައިގެން އުޅޭ ޤައުމެއްގެ ގޮތުގައި ފެންނަނީ. އެހެންވީމަ އަޅުގަނޑުގެ އުންމީދަކީ އަނބުރާ މި ގުޅުން ތަންކޮޅެއް ހެލްދީ ލެވެލްއަކަށް ދިއުން.“ މިއަދުގެ ހާލަތު ސިފަކުރައްވަމުން ދުންޔާ ވިދާޅުވިއެވެ.
!varash bodu thedhufulhe Dhunya
ދިވެހިރާއްޖެ އިސްލާމްދީންކަންމަތީ އަދި އަމިއްލަ މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ބޭއްވުމަށްޓަކައި ދުންޔާމެން ކުރުއްވާ މަސަށްކަތް ޕުޅުގައި ﷲ އިރާދަފުޅާއިއެކު ބަރަކާތް ލަށްވާށި އާމީން ޔާރަށްބަލް އާމީން އަލްހަމްދުލިއްﷲ
Bangaladesh ge alhuvethi kamah gosahurimeehaku mi gaumuge minivan kan hifahataaneekihinehbaa
އެހެން ޤައުމެއްގެ މީހަކާ އިނުމަކީ އެމީހެއްގެ އަޅުވެތިކަމުގެ ދަށަށް ދިއުމެއް ނޫން. އަދި އެހެން ޤައުމެއްގެ އަޅުވެރިކަމުގެ ދަށަށް ދިއުމެއްވެސް ނޫން. މީހުންނާ އިނުމަކީ އަޅުވެތިވުންކަމުގައި ދެކުމަކީ ނިކަމެތިކަމެއް. އެމީހަކު އިންނާނެ މީހަކު ނިންމާނީ އެމީހަކު އަމިއްލައަށް. އެއީ ކަމާނުބެހޭ އެހެންމީހުން ބަސްބުނަންޖެހޭ ކަމެއްކަމަކަށް ނުފެނޭ