އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީއާއި ވެސްޓް ބްރޮމްވިޗް ބައްދަލުކުރި މެޗު ޗެލްސީ ލަދުގަންނަވާލުމަށްފަހު ވެސްޓް ބްރޮމްވިޗް އިން ކާމިޔާބު ކޮށްފިއެވެ.
މިމެޗުން ޗެލްސީ ބަލިވުމާއި ގުޅިގެން އެޓީމުން އައު ކޯޗި، ތޯމަސް ޓުޗެލް ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ.
އަމިއްލަ ދަނޑުގައި ޗެލްސީ ލަދުގަންނުވާލުމަށްފަހު ވެސްޓް ބްރޮމްވިޗް އިން މެޗު ކާމިޔާބު ކޮށްފައިވަނީ، 2-5 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޗެލްސީއިން ވަނީ، ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، ކްރިސްޓިއަން ޕުލިސިޗްއެވެ. ލަނޑު ޖެހިތާ 2 މިނެޓު ފަހުން ޗެލްސީގެ ތިއާގޯ ސިލްވާއަށް ވަނީ 2 ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ.
ވެސްޓް ބްރޮމް ކޮޅަށް ނަތީޖާ އަނބުރާލާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ދެ ލަނޑުންނެވެ. މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެތިއުސް ޕެރޭރާއެވެ. ވެސްޓް ބްރޮމް އަށް ލީޑު ފުޅާކޮށްދިން ލަނޑު ކަލުމް ރޮބިންސަން ކާމިޔާބުކޮށްދިން އިރު އޭގެ ފަސް މިނެޓު ފަހުން އެމްބާއޭ ޑިއާގްނޭ ވަނީ ވެސްޓް ބްރޮމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.
މިއީ ޗެލްސީގެ ކޯޗުކަމާއި މިއަހަރުގެ ޖެނުއަރީ މަހު ހަވާލުވި ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ ބަލިވި ފުރަތަމަ މެޗެވެ. ޗެލްސީން ވަނީ ޓުޗެލްއާއެކު ބަލިނުވެ 14 މެޗު ހަމަކޮށްފައެވެ.