ދިއްފުށްޓާއި ހުރާ އިން ކޯވިޑް-19ގެ ކޭސްތައް ފެނުމާއި ގުޅިގެން އެ 2 ރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާތީ ތުލުސްދޫ ރައްޔިތުންގެ ފަރާތުން ދިއްފުށްޓާއި ހުރާގެ ރައްޔިތުންނަށް އެހީގެ ސާމާނު ހަދިޔާކޮށްފިއެވެ.
ތުލުސްދޫ ރައްޔިތުންނާއި އެ ރަށުގެ އެކި މުއައްސަސާތަކާއި ހެޔޮއެދޭ ފަރާތްތަކުން ހަދިޔާ ކުރި ތަކެއްޗާއި، ކައުންސިލުގެ ޚަރަދުގައި ހޯދި ބައެއް ސާމާނު ހިމެނޭ ކަމަށް ތުލުސްދޫ ކައުންސިލުން މަޢުލޫމާތު ހަމަކުރެއެވެ.
ތުލުސްދޫ ރައްޔިތުން ހަދިޔާ ކުރި ސާމާނުތަކުގެ ތެރޭގައި ހިމެނެނީ ބޯފެނާއި ކާޑުގެ ބާވަތްތަކާއި ބިސްކޯދާއި މަސްދަޅު ކޭސް ފަދަ ކާބޯތަކެތީގެ ބާވަތްތައް ވެސް ހިމެނެއެވެ.
ދިއްފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މި ދިޔަމަހުގެ ކުރީކޮޅު އެރަށުން ރ. އުނގޫފާރަށް ދިޔަ 2 މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މީގެ އިތުރުން ހުރާ މޮނިޓަރިންގއަށް ލާފައި ވަނީ އެރަށުން ބޭސްފަރުވާއަށް މާލެއައި އުމުރުން ދުވަސްވީ މީހަކު ކޯވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުންނެވެ.
ދިއްފުށިން ކޯވިޑް-19އަށް 80 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އިރު ހުރާ އިން ކޯވިޑަށް 133 މީހުން ޕޮޒިޓިވްވެފައިވެއެވެ.