އާޖެންޓީނާގެ ރައީސް އަލްބާޓޯ ފާނެންޑޭޒް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހާމަކުރައްވައިފި އެވެ.
ރައީސް ފާނެންޑޭޒް މިއަދު ހާމަކުރެއްވިގޮތުގައި އާލާސްކަންފުޅާ އުޅުއްވައި އޭގެ ސަބަބުން ހޮސްޕިޓަލަށް ވަޑައިންނަވައި ދެއްކެވުމުން ހުން ހުންނެވިއެވެ. އަދި 37.3 ޑިގްރީގައި ހުންނެވުމުގެ ސަބަބުން ކޮވިޑް ޓެސްޓް ހައްދަވާފައިވެއެވެ.
ޓެސްޓުގެ ނަތީޖާއިން އެނގިފައިވަނީ އެމަނިކުފާނު ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެމަނިކުފާނު މިހާރު ހުންނެވީ ކަރަންޓީނުގައެވެ. އަދި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެމަނިކުފާނުގެ ކޮންޓެކްޓުންގެ ގޮތުގައި ތިއްބެވި ހުރިހާ ފަރާތްތަކަށްވެސް މިހާރު ނޮޓިފައިކޮށްފައިވާ ކަމަށް އެގައުމުގެ ރައީސް އޮފީހުން ބުނެއެވެ.
އެމަނިކުފާނަށް 62 ވަނަ އަހަރު ފުރިފައިވާއިރު ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އުފަންދުވަހާ ގާތްކޮށެވެ.
އެމަނިކުފާނު ވަނީ ކޮވިޑް-19ގެ ވެކްސީންގެ ފުރަތަމަ ޑޯޒް މިދިޔަ ޖެނުއަރީ މަހުގެ 21ގައި ޖައްސަވާފައެވެ.