އިންޑިއާގެ ކޮވިޝީލްޑް ވެކްސީންގެ ދެވަނަ ޑޯޒް މާލެ ސަރަހައްދުގައި ދޭން ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މިއަދު ކޮވިޝީލްޑް ވެކްސީންގެ ދެވަނަ ޑޯޒް މިހާރު ޖަހައިދޭން ފަށާފައިވާ ކަމަށެވެ.
ކޮވިޝީލްޑްގެ ވެކްސީންގެ ދެވަނަ ޑޯޒް ޖަހައިދޭން ފަށާފައިވަނީ ދެ މަސް ދުވަހުގެ ފަހުންނެވެ. އެ ވެކްސީންގެ ދެވަނަ ޑޯޒް ޖަހަން ޖެހޭނީވެސް ފުރަތަމަ ޑޯޒް ނެގިތާ އަށް ހަފްތާ ނުވަތަ ދެ މަސް ފަހުންނެވެ.
ރާއްޖޭގައި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހައިދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 15ގެ ނިޔަލަށެވެ.
އިންޑިއާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިދިޔަ މަހު ރާއްޖެއަށް ވަނީ ކޮވިޝީލްޑް ވެކްސީންގެ 200،000 ޑޯޒް ލިބިފައެވެ. އެގޮތުން ދެ ބެޗެއްގެ ދަށުން އެ ޑޯޒްތައް ރާއްޖެ ފޮނުވިއިރު ދެވަނަ ބެޗްގެ 100،000 ޑޯޒް ވަނީ މިދިޔަ ބުދަ ދުވަހު ރާއްޖެއަށް ގެނެސްފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ވެކްސީންގެ ދެވަނަ ޑޯޒް ޖަހަން ދާއިރު ވެކްސިން ކާޑާއެކު އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގެންދަން ޖެހޭނެ ކަމަށެވެ. އަދި ވެކްސީން ޖަހަން ދިޔުމުގެ ކުރީން ރަނގަޅަށް ކައިގެން ދިޔުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.