ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި ދެކޮޅަށް ކެމްޕެއިން ކުރަމުންދާ މަންޒަރު ފެންނަ ކަމަށާއި، އެންޓި ކެމްޕެއިން ކުރުމަކީ، ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރާ ޑރ މުއިއްޒު އާއި ދެކޮޅަށް ބައެއް ފަރާތްތަކުން ކެމްޕެއިން ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، މަދު ބަޔަކު ނިކުމެ ޑރ. މުއިއްޒު އާއި ދެކޮޅަށް ކެމްޕެއިން ކުރާތަން ފެންނަ ކަމަށާއި، އެކަމުގެ ސަބަބުން ގިނަ ބައެއްގެ ހަމްދަރުދީގެ ވޯޓުތައްވެސް ލިބިދާނެ ކަމަށް ބެލެވޭ ކަމަށެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، އެންޓި ކެމްޕެއިން ކުރުމަކީ ތަހުޒީބަށް ލޯބިކުރާ ގިނަ ބަޔަކު ބަލައި ގަންނަ ކަމެއް ނޫން ކަމަށެވެ.
މިމަހުގެ 10 ވަނަ ދުވަހު އޮންނަ އިންތިހާބުގެ ފޯރި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑުވެފައެވެ. މަދުން ނަމަވެސް ބައެއް ފަރާތްތަކުން އެންޓި ކެމްޕެއިން ކުރާ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.