ކޮވިޑުގެ ކޭސްތައް ބޮޑަށް ފެތުރޭ ރަށްރަަށަށް އިތުރު ސަމާލުކަމެއް ދެއްވައި، މީހުންނާއި ވަސީލަތްތައް އިތުރަށް ފޯރުކޮށްދެއްވުމަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ސަރުކާރަށް ގޮވައިލައްވައިފިއެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން އަންނައިރު، އަތޮޅުތަކުގެ ރަށްރަށުން ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. އެ ގޮތުން ބަލާއިރު އެންމެ ގިނައިން ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ޅ.ނައިފަރާއި، ޅ.ފެލިވަރާއި، ކ.ހުރާއާއި، ކ.ދިއްފުށިންނެވެ.
ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ނައިފަރު، ފެލިވަރު، ހުރާފަދަ ކޮވިޑް ބޮޑަށް ފެތުރޭ ރަށްރަަށަށް އިތުރު ސަމާލުކަމެއް ދެއްވައި، މީހުންނާއި ވަސީލަތްތައް އިތުރަށް ފޯރުކޮށްދެއްވުމަށް ގޮވައިލައްވާފައެވެ.
”ނައިފަރު، ފެލިވަރު، ހުރާފަދަ ކޮވިޑް ބޮޑަށް ފެތުރޭ ރަށްރަަށަށް އިތުރު ސަމާލުކަމެއް ދެއްވައި، މީހުންނާއި ވަސީލަތްތައް އިތުރަށް ފޯރުކޮށްދެއްވާ. ޓެސްޓުކުރުން ވަރަށް ސްލޯ. ނަތީޖާލިބުން މާ ސްލޯ.“ ޝަރީފް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޝަރީފް ވަނީ ނައިފަރުފަދަ ތޮއްޖެހިފައި އޮންނަ ރަށްރަށުގައި ތަންފީޒުކުރަންވާނީ ކަަަސްޓަމައިޒް ގައިޑްލައިނެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ވިދާޅުވެފައެވެ.
ޝަރީފް މިކަން ފާހަގަކުރައްވައިފައިވާއިރު، 5000 އަށްވުރެ ބޮޑު އާބާދީއެއް ނައިފަރުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މެންބަރު އަޙްމަދު ޝިޔާމް ވެސް ވަނީ، އެޗްޕީއޭއިން މިފަދަ ހާލަތްތަކުގައި ޢަމަލުކުރާ ޢާންމު ގައިޑުލައިނަކީ، ނައިފަރު ކަހަލަ ރަށަކަށް އެންމެ ރަނގަޅު ގައިޑުލައިންތޯ ވިސްނައިލަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ ޅ.އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް ޓެސްޓު ކުރެވޭނެ ވަސީލަތް މި ވަގުތު ނެތުމަކީ މި ހާލަތު އިތުރަށް ނުތަނަވަސް ކުރުވާ ކަމެއްކަން ފާހަގަކުރައްވައި، ޝިޔާމް ވަނީ ކޮވިޑް ޓެސްޓު ކުރެވޭނޭ ވަސީލަތް ވަގުތުން ޤާއިމުކުރަންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ. ހަމައެހެންމެ ސިއްހީ އިތުރު މަސައްކަތްތެރިން ބޭނުންވާ ކަމަށާއި، ތަންފީޒީ އިދާރާތަކުގެ އިންސާނީ ވަސީލަތް އިތުރުކުރަންޖެހޭކަން ވެސް ޝިޔާމް ފާހަގަކުރައްވައިފައިވެއެވެ.