ކޯވިޑް 19 އިން ދިފާއު ވުމަށް ރާއްޖޭގައި ޖަހަމުންދާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މާދަމާ ފަށާއިރު، ވެކްސިން ޖެހުމަށް 4 ސެންޓަރެއް ގާއިމް ކޮށްފައިވާ ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ވެކްސިން ގެ ދެވަނަ ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ ސެންޓަރު ތަކަކީ، ސޯޝަލް ސެންޓަރު، ނެޝަނަލް އާޓް ގެލަރީ އަދި ހުޅުމާލޭ ފުލޫ ކްލިނިކްގެ އިތުރުން، ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި ކަމަށް، އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.
މާދަމާ ވެކްސިންގެ ދެވަނަ ޑޯޒު ދިނުމަށް ހަމަޖެހިފައިވަނީ، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 4 ވަނަ ދުވަހާއި ހަމައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ނަގާފައިވާ ފަރާތްތަކަށެވެ.
މީގެ އިތުރުން އެޗްއީއޯސީ އިން ބުނެފައިވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖުހުމަށް އަންނަ ފަރާތްތަކުން ވެކްސިން ކާޑު، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ހިފައިގެން އަންނަން ޖެހޭނެ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފަށާފައިވަނީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، ކޮވިޝީލްޑް ވެކްސިން އެވެ. އޭގެ ފަހުން ރާއްޖެއަށް ވަނީ، ޗައިނާގެ ސިނޯފާމް ވެކްސިންވެސް ގެނެސްފައެވެ. އަދި މިހާރު އެ ވެކްސިންގެ ފުރަތަމަ ޑޯޒް ދަނީ ޖަހަމުންނެވެ.