ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު، މާލޭ ސިޓީގެ މޭޔަރަކަށް ހޮވައިގެން އަލަށް ފެންނާނެ ކަމެއް ނެތް ކަމަށާއި، އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް ޢަބްދުއްސައްތާރު މާ ރަނގަޅުވާނެކަމަށް، ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު(ރީކޯ) ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިހެން ވިދާޅުވީ ސަންގު ޓީވީން ރޭ ގެނެސްދިން ”ވާތު ސަންގު“ ޕްރޮގްރާމުގައި ދެއްކެވި ވާހަކައިގައެވެ.
ރީކޯ މޫސަ ވިދާޅުވީ ޑރ.މުޢިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު މާލޭ ސިޓީގެ ހުރިހައި ބާރުތަކެއް ލިބިވަޑައިގަތް ކަމަށާއި، މޭޔަރަކަށް ހޮވައިގެން އަލަށް ފެންނާނެ ކަމެއް ނެތް ކަމަށެވެ.
މޫސަ ވިދާޅުވީ އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރަކަށް ވާދަކުރައްވާ އަނަސް ގެނައުން މާ ރަނގަޅުވާނެ ކަމަށެވެ.
މީގެ އިތުރުން ރީކޯ މޫސަ ވިދާޅުވީ ޑރ.މުޢިއްޒަކީ އޭނާގެ ވަރަށް ގާތް ރައްޓެއްްސެއް ކަމަށާއި، ނަމަވެސް ސަތޭކައިން ސަތޭކަ މި ފަހަރު ތާއީދުކުރައްވާނީ އަނަސްއަށް ކަމަށެވެ. އެއީ ވަކި އެމްޑީޕީގެ ކެންޑިޑޭޓަކަށް ވެގެން ނޫން ކަމަށާއި، ތަރައްޤީއަކީ މަތިން ފެންނަން ހުންނަ އެއްޗެއް ނޫންކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
ޑރ.މުޢިއްޒާއި އަނަސްގެ އިތުރުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަނީ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއެވެ.