”ދި ޑެއިލީ“ގެ ފުރައިޑޭ ސުޕެޝަލްގެ ޚާއްޞަ އިންޓަވިއުގައި ކިޔުންތެރިންނަށް މިއަދު މި ކިޔައިދެނީ ށ. އަތޮޅު ކަނޑިތީމަށް އުފަން އުމުރުން 17 އަހަރުގެ ޒުވާނެއް، ދިރިއުޅޭ ވެށިން ފެންނަ ރީތި މަންޒަރުތަކާއި ޚިޔާލީ މަންޒަރުތައް ވެސް ތަސްވީރުން އާންމުންނާއި އާއިލާގެ މީހުންނަށް ދައްކާލަދިން ހުނަރުވެރި ހުސައިން ނާއިޝް، ޢާންމު ނަމުން ނަމަ ނާއިޝްއެވެ.
ނާއިޝް އަކީ އުފަންވީ އިރު ވެސް އަޑުއިވުމުން މަޙްރޫމް ވެފައިވާ ”ޑެފް“ ކުއްޖެކެވެ. ނަމަވެސް އާއިލާގެ އެހީތެރިކަމާއެކު މާލެއަށް ކިޔެވުން ބަދަލު ކުރީ ދެކެމުން ދާ ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެއްސުމުގެ ބޭނުމުގައެވެ.

ށ. އަތޮޅު މަދަރުސާއަށް ކިޔަވަން ދިޔަ އިރު ނާއިޝް އެކަނި ޑެފް ކުއްޖަކަށް ހުންނަކަމަށާއި އެކަމުގެ ސަބަބުން ކިޔެވުން ވީ ވަރަށް ބޮޑު ޗެލެންޖަކަށް ކަމަށް ނާއިޝް ބުނެއެވެ. އޭނާ ބުނީ އަބަދު ވެސް ކުރެހުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ކަމަށާއި އަމިއްލަ ޓެކްނިކުތައް ބޭނުންކޮށްގެން ކުރެހުމުގެ ހުނަރު އިންޕުރޫވް ކުރަންފެށި ކަމަށެވެ.
ނާއިޝްގެ ކުރެހުން ފެނިގެން، ރަށު ސްކޫލުގައި ނާއިޝްއާ އެއް ކުލާހެއްގައި ތިބޭ ކުދިން ނާއިޝްގެ ކުރެހުންތައް ރީތިވެގެން އެ ވާހަކަ ދައްކާކަމަށް ނާއިޝް ބުނެއެވެ. ”ބައެއް ކުދިން ބުނާނެ ހާދަ ރީއްޗޭ ނާއިޝް ކުރަހާލެއް. އަމިއްލަޔަކަށް މި ހުނަރު ތަރައްޤީ ކުރާނެ ގޮތެއް އެހާ ބޮޑަކަށް އޭރަކު ނޭނގޭ. އެހާ ހިސާބުން އަޅުގަނޑުގެ ޕޭރެންޓުންނަށް ވެސް ފާހަގަ ކުރެވުނީ އަޅުގަނޑުގެ ކުރެހުމުގެ ހުނަރު ހުރިކަން“ ނާއިޝް ބުނެދިނެވެ.
2014 ވަނަ އަހަރު ޖަމާލުއްދީން ސުކޫލަށް ޖޮއިން ކުރި ކަމަށާއި ޖޭއެސްގެ ޗިކް ކުލާހުން ފަޒްނީ މިސްއާ ދިމާވި ކަމަށެވެ. ނާއިޝްގެ ހުނަރު މަޑުމަޑުން ފަޒްނީ މިސްއަށް ފާހަގަ ކުރެވެން ފެށި ކަމަށެވެ. ފަޒްނީ މިސްއަށް ނާއިޝްގެ ހުނަރު ފެނުން ވީ އެ ހުނަރު އިތުރަށް ތަރައްޤީ ކުރުމަށް ލިބުނު ހިތްވަރަކަށެވެ. ފަޒްނީ މިސް ނާއިޝްއަށް ވަރަށް ހިތްވަރު ދީ ވަރަށް ގިނަ ޓެކްނިކްތައް ކިޔާދިން ކަމަށް ނާއިޝް ބުންޏެވެ. މީގެ އިތުރުން ނާއިޝްއާއެކު އެހެން ކުދިން ވެސް ބައިވެރިކޮށްގެން ޓެކްނިކްސްތައް ކިޔާދެން ފަޒްނީ މިސް ފެށުމާއެކު ނާއިޝްގެ ކުރެހުމުގެ ހުނަރު އިމްޕުރޫވްވެގެން ދިޔައެވެ.

ޖަމާލުއްދީން ސުކޫލްގެ ޗިކް ކުލާހަށް ޖޮއިން ކުރުމުގެ ކުރިން ނާއިޝް ހީކުރަމުން އައީ ދުނިޔޭގައި ހުރި ހަމައެކަނި ޑެފް ކުއްޖަކަކީ ނާއިޝް ކަމަށެވެ. ނަމަވެސް ޖޭއެސްގެ ޗިކް ކުލާހުގައި ތިބި ކުދިން ސައިން ކުރަން ފެށުމުން ވަރަށް އުފާ ވި ކަމަށާއި އެދުވަހު ނާއިޝް ފަދަ އެތައް ބައިވަރު ޑެފް ކުދިން ދުނިޔޭގައި އުޅެކަން އެނގިގެން ދިޔަކަމަށެވެ. ކުލާހުގައި ތިބި ހުރިހާ ކުދިންނަކީ ޑެފް ކުދިން ތޯ ޔަގިން ކުރުމުގެ ގޮތުން މުދައްރިސްއަށް ގޮވާ ސުވާލު ކުރި ކަމަށް ނާއިޝް އުފަލުން އިންދެ ކިޔައިދެމުން ދިޔައެވެ.
ނާއިޝް މާލެގެނެސް ހާއްސަކޮށް ޖަމާލުއްދީން ސުކޫލަށް ވައްދާ ނާއިޝްގެ ކިޔެވުމަށް އެހީތެރިވާ އެހިތެރިވުމަށް ހިތުގެ އެންމެ ފުންމިނުން، ލޯތްބާއެކު ނާއިޝް އެންމެ ލޯބިވާ މަންމަ އާއި ބައްޕައަށް އެކަމަށްޓަކައި ޝުކުރު އަދާކުރިއެވެ.

ތަޢުލީމް ހާސިލްކުރަމުން ދިޔަ އިރު އެންމެ ފަސޭހައީ އިނގިރޭސި މާއްދާ ކަމަށާއި ދިވެހި ވަރަށް ވަރަށް އުނދަގޫ ކަމަށް ނާއިޝް ބުނެއެވެ. ހާއްސަކޮށް ހ.ށގެ އަކުރުތަކާއި ދިވެހި ލިޔެފައި ހުންނަ ގޮތް ވަރަށް ބޮޑަށް ކޮންފިއުސް ވާކަމަށެވެ.
ކޯވިޑާއި ގުޅިގެން ކިޔެވުމަށް މި ފަހުން ގެނެސްފައިވާ ބަދަލުގެ ސަބަބުން ކިޔެވުމަށް ދަތިތަކާއި ވަރަށް ކުރިމަތިވަމުން ދާ ކަމަށް ނާއިޝްގެ ބެލެނިވެރިން ފާހަގަ ކުރިއެވެ.
ނާއިޝްގެ އުމުރުން ގާތްގަނޑަކަށް 6 އަހަރު ހިސާބުގައި ނާއިޝްގެ އުފަން ރަށް ކަނޑިތީމް ފަޅުތެރޭ އޮންނަ ބޯޓެއް ބަލައިގެން އެ ބޯޓާއި އެއްގޮތް ބޯޓެއް ކޮމްޕިއުޓާގައި ކުރަހަން މަސައްކަތް ކުރި ކަމަށެވެ. ކޮންމެ ދުވަހަކު ވެސް އެސަރަހައްދަށް ގޮސް އެ ބޯޓް އޮންނަ ގޮތް އޮބްޒާރވްކުރިކަމަށެވެ. ކުރަހަން ފެށުމުން އެކި ކަހަލަ އައިޑިޔާތައް އަންނަފެށި ކަމަށެވެ.

އެހާ ހިސާބުން ކުރެހުމުގެ އައިޑިޔާތައް ބިލްޑްވާން ފެށި ކަމަށް ނާއިޝް ބުނެއެވެ. ނަމަ ވެސް އަމިއްލަ ސެލްފް ޑިވެލޮޕްކުރުމަށް 2015 ވަނަ އަހަރު އިންޓަނެޓުން ތަފާތު ކުރެހުންތައް ބަލާފާއިވާނޭ ކަމަށް ނާއިޝް މަޢުލޫމާތު ހިއްސާ ކުރިއެވެ.
ބޭރުގެ ޤައުމުތައް ކަމުގައިވާ ޖަޕާން އެމެރިކާ އަދި އިންޑިއާ ފަދަ ޤައުމުތަކުގައި ނާއިޝްމެން ފަދަ ”ޑެފް“ އާރޓިސްޓުންގެ ހުނަރު ތަރައްޤީ ކުރުމަށް ހުރީ ކޮންކަހަލަ ފުރުޞަތުތަކެއް ތޯ އާއި އެ މީހުން އެކަން ކުރަނީ ކިހިނެއް ތޯ ބަލާލާ އެކަންކަން އޮބްޒާވްކުރުމަށް ވަރަށް ބޭނުންވާ ކަމަށް ނާއިޝް ފާހަގަ ކުރިއެވެ. ނަމަ ވެސް ނާއިޝް އެންމެ ބޭނުން ވަނީ ކުރެހުމުގެ ދާއިރާއިން ކުރިއަށް ގޮސް އޮފީހެއްގައި މަސައްކަތް ކުރާށެވެ.
ތިރީގައިވާ ލިންކުން ކުލިކުން ނާއިޝްގެ ކުރެހުންތަކާއި އާރޓުސް ވޯރކުތައް ބަލާލެވޭނެއެވެ.
https://instagram.com/artbynaaish?igshid=1o4rh16q7ezti

އެ ފަދަ ފޮނި އުންމީދުތައް ކުރަމުން އަންނަ ނާއިޝްއަށް ހެލްތު ޕޮރޯޓެކްޝަން އެޖެންސީން މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅިބައިގެން ބޭއްވި ކުޑަކުދިންގެ ޕުރެސްގައި ފުރުޞަތު ލިބިގެން ގޮސްފައިވާކަން އުފަލާއެކު ނާއިޝް ފާހަގަކުރެއެވެ.
ލޯބިވާ މަންމަ އާއި ބައްޕަ އަދި ނާއިޝްއަށް ކިޔަވައި ދޭ ޓީޗަރުންނަށް ހިތުގެ އަޑިން ނާއިޝް ޝުކުރު އާދާ ކުރިއެވެ. ރަށުގައި ތިބި ނާއިޝްގެ ރަހްމަތްތެރިންނާއި ފެމެލީ މީހުންނާއި ގެ އިތުރުން ވަރަށް ހާއްސަކޮށް ފަޒްނީ މިސްއަށް ނާއިޝް ޝުކުރު އަދާކޮށްފައިވާކަން ފާހަގަކުރަމެވެ.

އަޅުގަނޑުމެން އެދެނީ ނާއިޝް ކުރަމުންގެންދާ މަސައްކަތްތަކީ މީހުން ބަލާގަންނަ އަދި އެ މަސައްކަތްތަކުގެ ސަބަބުން މީހުންނަށް ފައިދާ ކުރަމުންދާނެ މަސައްކަތްތަކަށްވުމެވެ.
ކުރިއަށް އޮތް ދުވަސްތަކަކީ އުފާ ފާގަތި ދުވަސްތަކެއް ކަމުގައި ލައްވާ ނާއިޝް ކުރަމުން ގެންދާ ހުރިހާ މަސައްކަތްތަކުގައި ހެޔޮ ރަޙްމަތް ލެއްވުން އެދި ދި ޑެއިލީގެ ފަރާތުން ދުޢާ ކުރަމެވެ. ނާއިޝް ކުރަމުން ގެންދާ ހުރިހާ މަސައްކަތެއްގައި ވެސް ޙަޤީޤީ ކުލަ ޖެހިގެން ދިއުމަކީ އަޅުގަނޑުމެންގެ އުއްމީދެވެ.

ނޯޓް: މި އިންޓަވިއު ނެގުމުގައި ދިޑެއިލީގެ ޓީމަށް މަރިޔަމް ފަޒްނީ (ފަޒްނީ މިސް)ގެ ފަރާތުން ލިބުނު އެހީތެރުކަމަށްޓަކައި ދިޑެއިލީ މެނޭޖުމަޓާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ފަޒްނީއަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ.
❤️wow it’s so beautiful
❤?Masha Allah