މާލޭ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދު، މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން، ލޯކަލް ކައުންސިލު އިންތިޚާބުގައި ގަލޮޅު މެދު ދާއިރާއަށް ވާދަކުރައްވާ އެ ކަމަނާގެ ކޮއްކޮ، މަރްޔަމް ރީހާން ނާޒިމް(ރީނު) ގެ ކެމްޕެއިނަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ ތުހުމަތު ކުރައްވައިފިއެވެ.
މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ފަޒީން ރޭ މެންދަމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދު، މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން، އެ ކަމަނާގެ ކޮއްކޮގެ ކެމްޕެއިނުގެ ވަޢުދުތައް ފުއްދެވުމަށްޓަކައި، ސިޓީ ކައުންސިލުގެ މުވައްޒަފުންގެ ނަމުގައި ދައުލަތުގެ ބަޖެޓުން ޚަރަދުކުރަން ފޫގަޅައިލައިފައިވާ ކަމަށެވެ.
”މޭޔަރުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، އޭނާގެ ކޮއްކޮގެ ކެމްޕެއިން ވަޢުދުތައް ފުއްދުމައްޓަކައި ކައުންސިލުގެ ސްޓާފުންގެ ނަމުގައި އޮޅުވައިލައިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކުރަން އެކަމަނާ ފޫގަޅާލައިފި.“ ޝިފާއަށް ޢިޝާރަތްކުރައްވައި ފަޒީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެެއެވެ.
މި ގޮތުން މާލޭހިޔާ ފްލެޓު ހުޅަނގުން އޮތް ހުސްބިމުގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމާގުޅޭ ޤަރާރެއް ފާސްކުރައްވާން މަަސައްކަތްކުރައްވައި، ކައުންސިލަށް އެ ޢަދަދަށް ސޮއި ނުލިބުނު ނަމަވެސް ދަނޑު ތަރައްޤީކުރަން އިއުލާނުކޮށްފައިވާކަން ފަޒީންގެ ޓްވީޓުގައި ފާހަގަކުރައްވައިފައެވެ.
”1 އޭޕްރީލް 2021 ގެ ރޭގަނޑު 9:00 ޤަރާރުގައި އޮތީ 2 ސޮއި. އަދިވެސް ސޮއި ހަމަނުވެ. ނަމަވެސް އިއްޔެ މެންދުރު 12:00 ގައި ދަނޑު ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް ކައުންސިލުގެ ރުހުން ނުލިބެނީސް ޢިއުލާނުކުރި. މިމައްސަލަ ބެލޭނެ މުއައްސަސާއެއް ނެތީ ސުޕަރމެޖޯރިޓީ ދިނުމުގެ ގޯސްހެދިފައި އޮތީމަ“ ފަޒީން ވިދާޅުވިއެވެ.
ފަޒީން ވިދާޅުވީ ޤަރާރުން ދައުލަތައް ފެންނަން އޮންނާނީ ކައުންސިލްގެ ސްޓާފުންނަށް ހަދައިދޭ ދަނޑެއްކަމަށެވެ.
”ސްޓާފުންނަށް ޢާންމު ޚިދުމަތްތަކާބެހޭބައިގައި ޓާރފް ދަނޑެއް އަދި އިންވެގެން އޮތް ވެލި ދަނޑުގައި ފުޓްސެލް ދަނޑެއްހެދޭނެ. ރައްޔިތުންނާ ކައުންސިލުން މަޝްވަރާކޮށް މިކަން ކުރިނަމަ ކިހާ ރަނގަޅު“ ފަޒީން ވިދާޅުވިއެވެ.