ކޮވިޑް-19ގެ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ބަންދުކުރި ޔުނިވާސިޓީއާއި ކޮލެޖުތަކުގެ ކިޔެވުން އެތަނަށް ގޮސް ކިޔަވައިދިނުމަށް ހުއްދަ ދީފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިއުލާނުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން އިއުލާނުކުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ.
އޭގެތެރެއިން އެއް ކަމަކީ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ހާޒިރުކޮށްގެން ހާއްސަ ފިޔަވަޅުތަކުގެ ދަށުން ކިޔަވައިދިނުމަށް ހުޅުވާލުމުގެ ހުއްދަ ދިނުމުވެ.
މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވާތީ ޔުނިވާސިޓީތައް ބަންދުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގައެވެ. އެއަށްފަހު ޔުނިވާސިޓީ އާއި ކޮލެޖުތަކުގެ ކިޔެވުން ކުރިއަށް ގެންދަމުން ދަނީ އޮންލައިންކޮށެވެ.
ޔުނިވާސިޓީތަކާއި ކޮލެޖުތައް އަލުން ހުޅުވާލުމަށް އިއުލާނުކޮށްފައިވާއިރު ރާއްޖެއިން ފެންނަ ކޭސްތައް ވަނީ ބޮޑުތަކުން އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 241 އަށް އަރާފައެވެ.